މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި، ދަޢުލަތުން ދަޢުވާ ކޮށްފައިވާ، ގދ.ގައްދޫ، ކުދިލުނބޯމާގެ މަލީޙާ ވަޙީދު (މަލް)، ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުން ނެރެފައިވާ ޢަމުރު، ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލްކޮށްފިއެވެ.

ކޯޓުން ކަނޑައަޅާ ވަކި ޝަރުތުތަކަކާއި އެކު، މަލް ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ މި ކޯޓު ޢަމުރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފްކޮށްފައިވަނީ، 21 އޮކްޓޯބަރ 2019 ގައެވެ.

މި ކޯޓު އަމުރާއި ގުޅިގެން، މިމަހުގެ 2 ވަނަ ދުވަހު، ހައިކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ، ހައިކޯޓުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންނަށް ތިން ނުކުތާއެއް ފާހަގަކުރެވޭ ކަމަށާއި، އެގޮތުން، 2019 އޯގަސްޓް 27 ވަނަ ދުޗަހުގެ 16:30 ހާއިރު، މަލް އާއި، އިތުރު މީހަކާއި އެކު، މަސްތުވާތަކެތި ބޭނުންކޮށްގެން، އެތަކެތި ގެންގުޅެ، އެ ތަކެތިން ވިޔަފާރި ކުރާކަމަށް، ތުޙުމަތު ކުރެވޭ މައްސަލަ އާއި، މަލީޙާ ވަޙީދު ބަންދުން ދޫކޮށްލައިފިނަމަ، ނުވަތަ ގޭބަންދަށް ބަދަލުކޮށްފިނަމަ، މަލީޙާ ވަޙީދުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ހިނގާދާނެކަމަށް ފެންނާތީ، މަލީޙާ ބަންދުގައި ބަހައްޓައިދޭން އެދުމުން، އޭނާ ދޫކޮށްލާފައިވާ ކަމާއި، ހުށަހެޅުނު މައްސަލައަށް ބަލާއިރު، މަލީޙާ ވަޙީދުގެ މައްޗަށް ތުޙުމަތު ކުރެވިފައިވަނީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ކަމަށްވާއިރު، ޤާނޫނު ނަމްބަރ 12/2016 (ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ޅ) ގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަކީ، ޖިނާޢީ ބޮޑު ކުށެއްކަން އެނގެން އޮންނަ ކަމަށެވެ.

މީގެ އިތުރުން، މަލީޙާގެ މައްޗަށް ތުޙުމަތު ކުރެވިފައިވާ ކުށުގެ މައްސަލަ އަކީ، ކްރިމިނަލް ކޯޓުގައި މިހާރުވެސް ހިނގަމުންދާ މައްސަލައެއް ކަމުން އެ މައްސަލައިގައި މަލީހާ ވަޙީދުގެ ބަންދާއި މެދު ގޮތެއް ނިންމަން ޖެހޭނީ، އެ މައްސަލަ ބަލާ ކޯޓުން، އެ މައްސަލަ ބެލި ފަނޑިޔާރު ކަމަށްވެސް، ހައިކޯޓުގެ ޙުކުމުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ، މަލީޙާ ވަޙީދުގެ ބަންދުގައި ބަހައްޓައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލައި، އެ ކޯޓަށް މި މައްސަލަ ހުށަހަޅާ ތާރީޙުން ފެށިގެން، ފަސް ދުވަހުގެ ތެރޭގައި މަލީހާގެ ބަންދާއި މެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމަށްވެސް ހައިކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވެއެވެ.

މި މައްސަލަ ބެއްލެވީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ، އިސްފަނޑިޔާރު، ޝުޖާޢު އުޘްމާނެވެ. ދެން ތިއްވެބީ، ފަނޑިޔާރު ޢަބްދުލްޣަފޫރު އިބްރާޙިމާއި، ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްޑޫ ލެއި

    ނަށީދު ނޫން އެހެންގޮތެއް ހޯދިގެން ނޫނީ މިގައުމު ދުވަހަކުވެސް ހަމަމަގައް ނެއެޅޭނެ

    29
    2
  2. ޢަހަރެން

    ދެލޯފުޅާ އަދިވެސް އެކަހަލަ މީހުންނަށް "މަލް"ަ އޭ ކިޔާތި!!!
    މަލް އޯ...???

    28
  3. ނޮޅިފިސް

    ތީ ފިލިމީތަރިއެއް ނޫން. ތީބޮޑު ޕާޓޭއެއް.

    34
  4. ބޮއިކަޓްޢަލީ

    ޤާޒީންނަށް ކިހާވަރަކަށް ޤާނޫނު އިނގޭތަ،