އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އެގްރީމަންޓް ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ތާއިދު ކޮށްފައިވާ ހުކުމް އަލުން ރިވިއު ކުރުމަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ސުޕްރީމް ކޯޓުން އެ ކުންފުނިން ހުށަހަޅާފައިވާ މައްސަލަ ރިވިއު ކުރުމަށް ބަލައިގެންފައިވާ ބަންޑާރަނައިބު އޮފީހުން ވަނީ ވިދާޅުވެފައެވެ.

ބަންޑާރަނައިބު އޮފީހުން މިއަދު ކުރި ޓްވިޓްގައި ވިދާޅުވެފައި ވަނީ، އއެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ޤަވާއިދާއި އެއްގޮތުގެ މަތިން ހުށަހަޅާފައިވާ މައްސަލައެއް ކަމުން އެ މައްސަލަ ބަލައިގަތުގެ ހުއްދަ އެ ކޯޓުން ދީފައިވާ ކަމަށެވެ.

މި މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފޮނުވާފައިވަނީ ބަންޑާރަނައިބުގެ އޮފީހުންނެވެ. މި މައްސަލަ ރިވިއު ކުރުމަށް ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުން މީގެ ކުރިން ދީބާޖާއަށް ބަދަލު ދިނުމަށް ކޮށްފައިވާ ހުކުމާއި މެދު އާންމުންގެ ކަންބޮޑުވުން އޮތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެ އޮފީހަށް އަންގާފައިވާތީއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރީމަންޓް ބާތިލްކުރުމުން އެކުންފުނިން ސވިލި ކޯޓަށް މައްސަލަ ހުށަހެޅުން އެ ކޯޓުން ވަނީ ދައުލަތުން ދީބާޖާއަށް 348 ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ހުކުމް ކޮށްފައެވެ. ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ވަނީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކޮށްފައެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލް ކޮށް، ސިވިލް ކޯޓުން އިއްވާފައިވާ ހުކުމް ދަމަހައްޓާފައެވެ.