ހ.އ ތަކަންދޫގެ "ބޮޑު ކާނިގަސް" ކަމުގައި ބުނެވޭ ގަހުގައި މިއަދު އަލިފާން ރޯވެ އަނދާފައިވާއިރު، އަދިވެސް އަލިފާން ގަނޑު މުޅިން ނިއްވާ ނުލެވޭ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

"ވަގުތު" ނޫހަށް މައުލޫމާތު ދެއްވަމުން ތަކަންދޫ ކައުންސިލް އިދާރާގެ ރައީސް އަހްމަދު ނިޔާޒު ވިދާޅުވެފައިވަނީ، އަސުރު ނަމާދު ވަގުތާއި ދިމާކޮށް ބަޔަކު ގަސްތުގައި ރޯކޮށްލި ކަމަށް ލަފާ ކުރެވޭ ކަމުގައެވެ.

"ގާތްގަނޑަކަށް 3:45 ކަށްހާއިރު ރޯ ކޮށްލި ކަމަށް ލަފާ ކުރެވެނީ. އޭގެ ކުރިން ހަމަ އެއްވެސް ކަމެއް ގަހަށް ވެފައެއް ނެތް." ތަކަންދޫގެ ރައްޔިތަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ދިއްދޫ ޕޮލިސްޓޭޝަންގެ އެހީތެރިކަމާއި ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް މި އަލިފާން ގަނޑު ނިއްވާލުމަށް ލިބިފައިވާއިރު، ފުރަތަމަ އަލިފާންގަނޑު ނިއްވާލެވޭތޯ މަސައްކަތް ކުރީ، ލިބެން ހުރި މަދު ވަސީލަތްތަކެއް ބޭނުން ކޮށްގެން ކައުންސިލްގެ އިދާރާގެ ފަރާތުންކަން ނިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް އިތުރަށް ހުޅުގަނޑު ބޮޑުވެ ނިއްވާލުމަށް ދަތިވުމުން، ފުލުހުންނަށް ރިޕޯޓްކޮށްފައިވާނޭ ކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.

ނިޔާޒު އިތުރަށް ވިދާޅުވެފައިވަނީ މިރޭ 8:00 އުޅެނިކޮށް އަލިފާންގަނޑުގެ ބޮޑު ބައެއް ނިއްވާލެވިފައިވީ ނަމަވެސް، އަދިވެސް އަނދަމުން ދާ ކަމުގައެވެ. ނަމަވެސް ގެއްލުން ނުވާ ވަރަށް މިހާރު ވަނީ ނިއްވާލެވިފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

"ގަސް އެއްކޮށް މިހާރު ހަމަ ބިމާ ތިރިވެފަ. އެކަމަކު ހަމަ އަލިފާން ނިއްވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަ ދޭ." ނިޔާޒު ވިދާޅުވިިއެވެ.

އެ ރަށުގެ 'އަލިތަކުރުފާނު" ޒިޔާރަތުގެ ހުޅަނގު ފަރާތުގައި އަތިރިމައްޗަށް ވާ ގޮތަށް ހުންނަ މި އާސާރީ ކާނި ގަހަކީ، މީގެ ގާތްގަނޑަކަށް 433 ވަރަކަށް އަހަރު ކުރިން ޕޯޗުގީޒުންގެ ދުވަސްވަރު އިންދުނު ގަހެއް ކަން ފާހަގަ ކޮށްލެވެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުމުދު

    ތީވަރަށްދެރަކަމެއް ތިގަސް އެތާހުރުމުން ކާކައްބާ އުނދަގޫވީ ، ތިކަންކުރިބަޔަކު ހިތުން ތިކުރީ ވަރަށްމޮޅުކަމެއް އެބަޔަކު ތިކަމާ ވަރަށްފޮނިވެފަތިބޭނީވެސް ކައުންސިލުން އިސްނަގާ ތިކަންކުރި ބަޔަކުހޯދާ ހައްގު އަދަބު ދިނުމަށްގޮވާލަން.....

  2. ޖޮއްބެ

    ތިޔަވާނީ ރީނދޫބޮޑުހުޅު ގްރޫޕްގެ ކަމަކަށް. ބޮޑުހުޅު-2 ގެ ބާނީ އެހެރީނު ޔޫކޭގައި.....؟؟؟

  3. މަކަރޭ

    މި ދުނިޔޭގައި ކޮންމެ އެއްޗެއް ވެސް ފަނާވާނެ

  4. ހޭލާ

    433 އަހަރު ވަންދެން ދުނިޔޭގެ ހުރީ ގަސް ބަލަހައްޓާ ފައި ވާތީ ކަން އެނގޭ އެހެން ވީއިރު މިހާރު ތިގަހައް ތިހެން ވާޖެހުނީ ކަމާބެހޭ ފަރާތްތަކުގެ އިހުމާލުން ކަން ޔަގީން.

  5. ޒާ

    ހެހެ، ތިކަން ތި ނިމުނީނު. ދިރޭ ތަރިކަ މަރުވީ.

  6. ހިޔާލު

    ތިޔަގަސް ދުވަސްވެ އެކިގޮފި ވަކިވަކިން މަރުވަމުންދިޔައިރު ބަލަހައްޓައިގެން ތިބެވުނީ.
    ގަސް ހިމާޔަތް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ