މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ކެބިނެޓް ވޯކިން ސެޝަންއެއް ބާއްވަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ކެބިނެޓް ވޯކިން ސެޝަންގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ދެއްވީ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ދެއްވި ޕްރެޒެންޓޭޝަންގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކާ އުސޫލުތަކާބެހޭ ގޮތުންނާއި، ގޮންޖެހުންތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވެވި އެވެ.

މި ބައްދަލުވުމުގައި ވަޒީރުން ކުރެއްވި ގިނަ ސުވާލުތަކަށް ވެސް އިންފޮމޭޝަން ކޮމިޝަނަރު ޖަވާބު ދެއްވެވި އެވެ. މައުލޫމާތު ދޫކުރުމުގައި ދިމާވާ ކަންކަމާއި، އިތުރަށް ރަނގަޅު ކުރެވިދާނެ ބައެއް ކަންކަމުގެ ޚިޔާލު ވެސް ވަޒީރުން ދެއްވެވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ވިދާޅުވިގޮތުގައި، ބައެއް ހާލަތްތަކުގައި ގޮންޖެހުންތައް ހުރި ނަމަވެސް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މައުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް މުއައްސަސާތަކުން އަމަލުކުރާ މިންވަރު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު ވިދާޅުވީ، މި ދައުލަތަށް އެންމެ ހެޔޮ ގޮތަކީ ހާމަކަން ވީހާ ވެސް ބޮޑުކުރުން" ކަމަށާއި، ބިރެއް ނެތި މައުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ޤާއިމުކުރުން ކަމަށެވެ.

އަދި ހެޔޮ ހިންގުމުގެ ނިޒާމަކަށް އެންމެ މުހިންމު ކަމަކީ ވެސް ހާމަކަން ބޮޑުކުރުން ކަމަށާއި ނަޒާހަތްތެރި ދައުލަތެއް އުފެދޭނީ ވެސް މައުލޫމާތު ހާމަކަން ބޮޑުވި މިންވަރެއްގެ މައްޗަށް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި ރައީސް އޮފީހުގެ މިނިސްޓަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.