ދިވެހި ފޮތްތެރިކަން އާލާކުރުމާއި ކުޑަކުދިންނަށް އަދަބިއްޔާތު ކުރިއެރުވުމަށްޓަކައި ދިވެހި ބަހުގެ އެކަޑަމީ އާއި އެމް7 އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމް7 ގެ ފަރާތުން ސޮއިކުރެއްވީ އެ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުއް ސައްތާރެވެ. އަދި ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކަޑަމީގެ ރައީސް އަޝްރަފް އަލީއެވެ.

މި ރަސްމިއްޔާތުގައި އަޝްރަފް ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންގެ އަދަބިއްޔާތު މަދުވެފައި ވަނީ ޝައުގުވެރިކޮށް ކިޔާ އަދި ބަލާނެ ފޮތްތައް ނުލިބޭތީ ކަމަށެވެ. ވިސްނުމާއި ފިކުރުތައް ތަރައްގީކޮށް ފިކުރު ކުރުމަށްޓަކައި ގިނަ ފޮތްތަކެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ.

އަދި ކުޑަކުދިން ކިޔާ ހިތްވާ ފަދަ އެކި ފޮތްތައް އެކުލަވާލަން މި އެއްބަސްވުމުގެ ދަށުން ލުޔެއް ލިބޭނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ މިފަދަ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ބަހުގައި ހުރި ކަންކަމާއި އެޑިއުކޭޝަނުންދޭ އިރުޝާދުތަކާއި މަގްސަދުތައް ހާސިލް ކުރުން ކަމަށެވެ.