ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު އަދި ކްލަބުގެ ދުވަސްވީ ސަޕޯޓަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަމަޖައްސައިފި އެވެ.

ޗެއާމަންގެ މަގާމަށް މޮސްޓާ ހަމަޖެއްސުމުގެ އިތުރުން އެ ކްލަބުން ވަނީ ވައިސް ޗެއާމަނާއި ހަތް ބޯޑު މެމްބަރުން ވެސް ހަމަޖައްސައިފަ އެވެ. ވައިސް ޗެއާމަނަކަށް ހަމަޖެއްސީ ކުރިން އެކްޓިން ޗެއާމަނުގެ މަގާމުގައި ހުންނެވި ސައްޔިދު އަލީ އެވެ. ބޯޑު މެމްބަރުންގެ ގޮތުގައި ހަމަޖެއްސީ ޒަހީނުއްދީން ސައީދު، ހުސައިން ޝާމް އާދަމް، ހަސަން ހުސައިން، އަބްދުލްމުއިޒް މުސްތަފާ، އަހުމަދު ޝިޔާމް، އަހުމަދު ވާސިފް އަދި އިސްމާއީލް ރަޝީދު އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލައިގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ނިއު ސަސްޕެންޑްކޮށްފައެވެ. ނިއުގެ ސަސްޕެންޝަން މިދިޔަ އަހަރު އެފްއޭއެމްގެ އަހަރީ ޢާންމު ޖަލްސާގައި ކްލަބުތަކުން ވަނީ ދަމަހައްޓާފައެވެ. އެކަމަކު މިއަހަރުގެ މާޗު މަހު އޮންނަ އަހަރީ ޢާންމު ޖަލްސާގައި އެ ސަސްޕެންޝަން އުވާލުމުގެ ފުރުޞަތު އެބައޮތެވެ. މިސީޒަނުގައި ނިއު އިން ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައިނުވެއެވެ.

ނިއު އިން ދިވެހި ކުޅުންތެރިންނަށް 2.4 މިލިއަން ރުފިޔާ ދޭން ޖެހުނެވެ. އެފްއޭއެމްގައި ހުރި ނިއުރޭޑިއަންޓުގެ ފައިސާއިން ދިވެހި ކުޅުންތެރިންނަށް ވަނީ މިހާރު މުސާރަ ދީފައިވީ ނަމަވެސް އަފްޣާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ އަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން އެއްބަސްވުން ބާތިލުކޮށްފައިވާތީ 703،707 (ހަތްލައްކަ ތިންހާސް ހަތްސަތޭކަ ހަތް ރުފިޔާ) ދޭން ފީފާއިން ވަނީ ނިއުރޭޑިއަންޓަށް އަންގާފައެވެ. މީގެ އިތުރުން ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342 (ފަސްލައްކަ އެގާރަހާސް ތިންސަތޭކަ ސާޅީސްދެ ރުފިޔާ) ދޭންވެސް ނިއު އަށް ފީފާ އިން ވަނީ އަންގާފައެވެ.

ނިއު އަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ކްލަބުގެ ސަޕޯޓަރުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހަސަންކޮ

  ޓީމް ސިޔާސީ ކުރާތީ ބޮނޑި ބޮނީ..!!

 2. ޚާލިދު

  މިއޮތީ ސީޒަން

 3. ފިނރުޓޭ

  މޮސްޓާ މެން މަހަށް ފޮނުވައިގެން ތި ފައިސާ ހޯދަން ފެނޭ! އެއީ ނިޔުރޭޑިއަންޓަށް ކުރިން ހެންވޭރު މަސްވެރިންގެ އެކިކަހަލަ އިނާޔަތްތަށް ލިބޭ ކަމަށް އަޑު އިވޭ!

 4. ކާފަބޭ2020

  ފުރަތަމަކަމަކަށް ސަލާންޖަހަންނުހިގާ ކުލަބަށް ދާއިމީކޮށް އާމްދަނީލިބޭނޭގޮތެއްހަމަޖައްސަންޖެހޭ! މިހާރުގޭޓުފައިސާއިން ކުލަބުނުހިންގޭނެ އެވަރުގެ އިންކަމެއްނުލިބޭ ކުޅުންތެރިންނަށް މުސާރަދޭވަރަކަށް މިދަނޑިވަޅުގައި ކްއީންވަހީދާ އާއިލާއިންކުރިމަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރަން!