ކޮވިޑް-19 ގެ ސަބަބުން ސައުދީ އަރަބިއްޔާގެ ސަރުކާރުން އުމްރާއަށް މީހުން އައުން މަނާ ކުރުމާއި ގުޅިގެން ރާއްޖެއިން އުމްރާއަށް ދިއުމަށް ނިންމާފައިވާ ފަރާތްތަކުގެ ވިސާ ދިނުން ހުއްޓާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ބުނެފައިވަނީ އުމްރާވެރިންގެ ވިސާ ކެންސަލުކޮށްފައިވާ ކަމުގެ މައުލޫމާތު ރާއްޖޭގައި ހަރަކާތްތެރިވާ ޓްރެވެލް އޭޖެންސީތަކާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ހާލަތެއް ދިމާވެފައިވާ މިފަދަ ދަނޑިވަޅެއްގައި ދިވެހި އުމްރާވެރީންނާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށެވެ. އެހެންކަމުން ސައޫދީ އަރަބިއްޔާއިން އަޅާފައިވާ ފިޔަވަޅުތައް ދިވެހިރާއްޖެއިން ބަލައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން، ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށް އިހުތިރާމްކޮށް، އެކަންކަމަށް ކެތްތެރިވެ ތިބުމަށް އެ މިނިސްޓްރީން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ނިންމުމެއްގެ ސަބަބުން، އުމްރާ ދަތުރުތައް ރާވާފައިވާ ކުންފުނިތަކާއި، އުމްރާއަށް ދިއުމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް، ދިމާވާނެ ދަތިތަކާއި، ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލުކުރާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެހެންނަމަވެސް، އެކަމަކީ ދިވެހި ސަރުކާރާއި، އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ އަމިއްލަ ބާރު ހިނގާކަމެއް ނޫންކަމުން، އެކަމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދޭ އިރުޝާދާއި ލަފަޔާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑް-19 ވައިރަސްއާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ޓާސްކް ފޯހުން ވަރަށް ގާތުން ކަންކަން ބަލަމުން ގެންދާ ކަމަށާއި އަދި އެ ފަރާތްތަކުގެ ލަފަޔާ އިރުޝާދާއެކު، އުމްރާވެރިންނާ، އުމްރާއަށް މިހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންވީ ގޮތް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު