މޫސުން ގޯސްވެ އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލިޖިކަލް ސެންޓަރ (މެޓް) އިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލާޓް ނެރެފިއެވެ.

އެ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ، މިރޭ 1:30 އިން ފަތިހު 5:30 އާއި ހަމައަށެވެ.

މެޓުން ވިދާޅުވީ، މި ވަގުތުތަކުގައި ރާއްޖޭގެ ހުރިހައި ހިސާބުތަކަށްވެސް ވިއްސާރަކޮށް، އުދައެރުން އެކަށީގެންވާ ކަމަށެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިހާރުވެސް ބައެއް ރަށްތަކަށް ދަނީ އުދަ އަރަމުންނެވެ. މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މިއަދާއި އިއްޔެވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އެލާޓް ނެރެފައިވެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ވަނީ، ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ ކަނޑުތައް އެންމެ ދެކުނުގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ،" މެޓުން ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެ ހިމެނޭ ސަރަޙައްދަށް މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތައްވެސް ހިނގާފައިވެއެވެ. މީގެ އިތުރުން މިއަދު ހަވީރު އައްޑޫ ސިޓީ ހިތަދޫގައި މޫދަށް އެރުނު ދެ ކުއްޖަކު، ބިޔަ ރާޅުތަކެއްގައި އޮޔާއިގޮސް ވަނީ ގެއްލިފައެވެ. މި ކުދިން ހޯދުމުގެ މަސައްކަތް ސިފައިންނާއި ސަރުކާރުގެ މުވައްސަސާތަކާއި އިތުރުން ޢާންމު ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.


މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ޔެލޯ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރެޑް އެލާޓް: މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ގްރީން އެލާޓް: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.

ކިޔުންތެރިންގެ ހިޔާލު