ގދ. ވާދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ރަށުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގދ. އަތޮޅުގައި އަލަށް ހަދަމުންދާ ރިސޯޓަކުން ފުރައިގެން ވާދުއަށް ދަތުރުކުރި ޑިންގީއަކުން މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރު ކުރީ 22 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި، ޑިންގީން ދަތުރުކުރި އެ ތިން މީހުންނަށް ފުލުހުން ފެނުމުން އެ ތަނުން އެކަކު ވާދޫ ނެރުބައްތިއާ ދިމާލުން މޫދަށް ފުންމާލި ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މަސްތުވާތަކެތީގެ ވަބާއަކީ މިވަގުތު ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެތަކެތީގެ ވިއްކާވިޔަފާރި ކުރާ މީހުން އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.

 

.