ދުނިޔޭގެ ހަލުވިކަމާއެކު ކޮވިޑް-109 ފެތުރެމުންދާއިރު، ކުރިއަށް އޮތް ސްކޫލް ބަންދުގައި ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގައި ސަމާލުވުމަށް އެޗްޕީއޭ އިން އެދިއްޖެއެވެ.

އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ރާއްެޖެ އާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް ބަޔާނެއް ނެރެފައެވެ.

އެގޮތުން އެ ބަޔާނުގައި ވަނީ މި ދުވަސް ވަރު ރާއްޖެއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކުން، ބޭރަށް ދަތުރު ކުރުމުގެ ކުރިން، ދަތުރުކުރާ ޤައުމުގައި ބަލީގެ ހާލަތު ރަނގަޅަށް ދެނެގަތުމަށާއި، ބަލި ފެތުރޭ ޤައުމުތަކަށް ދަތުރު ނުކުރުމަށާއި، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ފަރުވާކުރާ ބަލިތައް ހުންނަ ފަރާތްތަކުން، ކޮންމެހެން ކުރަންޖެހިގެން މެނުވީ މިދުވަސްވަރު ރާއްޖެއިން ބޭރަށް ދަތުރު ނުކުރުމަށް އެދިފައި ވެއެވެ.

އަދި ދަތުރު ކުރާ ޤައުމުގެ ސަރުކާރުން، ބަލިން ރައްކާތެރިވުމަށް އެޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާއި، އާއްމުންނަށް ދީފައިވާ އިރުޝާދުތަކަށް އަހުލުވެރިވުމަަށް ނަސޭހަތްތެރިވެފައި ވެއެވެ.

މީގެ އިތުރުން ދަތުރުމަތީގައި ހުމާއި، ކެއްސުމާއި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކާއި ގާތްވެ ނޫޅުމަށާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން، ނުވަތަ ހޭންޑް ސެނިޓައިޒަރ ބޭނުންކުރުން އަދި ދަތުރުމަތީގައި އުޅޭއިރު ހޭންޑް ސެނިޓައިޒަރ ހިފައިގެން އުޅުމަށާއި، މޫނާއި، ލޮލާއި، އަނގަ އަދި ނޭފަތުގައި އަތްނުލުމަށް އެދިފައި ވެެއެވެ.

އަދި ކާބޯތަކެތި، ޚާއްސަކޮށް އެއްގަމުމަހާއި ސީފުޑް ރަނގަޅަށް ކައްކައިގެން ކެއުމަށާއި، ޖަނަވާރު ގެންގުޅޭ ތަންތަނަށް އަދި އެއްގަމުމަސް ވިއްކާ ބާޒާރު (ވެޓް މާރކެޓް ތަކަށް ނުދިއުމަށާއި، ކޮންމެހެން ދާން ޖެހިގެން މެނުވީ ސިއްހީ ފަރުވާދޭ މަރުކަޒުތަކަށް ނުދިއުމަށާއި، ކެއްސާ ކިނބިހި އަޅާނަމަ އަނގައާއި ނޭފަތް ރަނގަޅަށް ނިވާކުރުން، އަދި ވަގުތުން ޓިޝޫ ޑަސްބިނަށްލުން އަދި އަތް ދޮވުމަށް އެދިފައި ވެއެވެ.

އެޗްޕީއޭ އިން ވިދާޅުވިގޮތުގައި، ދަތުރުމަތީގައި އުޅޭއިރު ހުންއައިސް ރޯގާ ޖެހިއްޖެނަމަ، މިފަދަ އަލާމާތްތައް ފެންނަ މީހުން ސިއްހީ ފަރުވާ ހޯދުމަށް ދަތުރު
ކުރި ޤައުމަކުން އަންގަވާފައިވާ ގޮތަށް އަމަލު ކުރުމަށް އެދެއެވެ.

"ބައެއް ޤައުމުތަކުގައި މިފަދަ އަލާމާތްތައް ހުންނަ މީހުން ޑޮކްޓަރަށް ނުވަތަ ހޮސްޕިޓަލަށް ސީދާ ނުގޮސް ގުޅާނެ ނަމްބަރެއް ދީފައިވޭ، އަދި ބައެއް ޤައުމުތަކުގައި މިފަދަ އަލާމާތްތައް ހުންނަ މީހުން ދާނެ ވަކި ސިއްހީ ޚިދުމަތްދޭ ތަންތަން ކަނޑައަޅާފައިވޭ" އެޗްޕީއޭ އިން ވިދާޅުވިއެވެ.

އަދި ދަރުތުކުރާ ޤައުމެއްގެ ސަރުކާރުން، ރައްކާތެރިވުމަށް އަޅަން އަންގަވާފައިވާ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެދިފައި ވެއެވެ. އަދި އެ މީހާކު ރާއްޖެއިން އެނބުރި އަންނަތާ 14 ދުވަސްތެރޭގައި ހުންއައިސް ރޯގާ ޖެހުމާއި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ގޭގައި މަޑުކުރުން އަދި ހޮޓްލައިން 1676 އަށް ގުޅުމަށް ވަނީ އެދިފައެވެ.

އެޗްޕީއޭ އިން ވަނީ ދަތުރުން އެނބުރި އައުމަށްފަހު ސަމާލުކަންދޭންވީ ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން، ދަތުރުން އެނބުރި އަންނަތާ 14 ދުވަސްތެރޭގައި ހުންއައިސް ރޯގާ ޖެހުމާއި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ގޭގައި މަޑުކުރުން ވަނީ އެދިގައެބެ. އަދި ހޮޓްލައިން 1676 ގުޅައި، ދަތުރުގެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައި ވެއެވެ.

އަދި އެޗްޕީއޭއިން ވަނީ ރާއްޖޭގެ އެތެރޭގައި ދަތުރުކުރައްވާ ފަރާތްތަކުންވެސް ސގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށާއި، ރޯގާޖެހި، ކެއްސާ ކިނބިހި އަޅާނަމަ، ރަނގަޅަށް އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުން، އަދި ޓިޝޫ ޑަސްބިނަށްލުމަށްފަހު އަތްދޮވުމަށް އެދިފައެވެ.

އަދި ކެއްސާއި ކިބިހި އަޅާނަމަ ރަނގަޅުވަންދެން ގޭގައި މަޑުކުރުން، އަދި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުނިކުތުމަށް އެދިފައި ވެއެވެ.

"ދުނިޔޭގައި މިބަލީގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ވަރަށް ހަލުވިކަމާއެކު ބަދަލުވަމުންދިއުމާއެކު، ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކުން ކޮންމެހެން
ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ލަސްކުރުން ނުވަތަ ނުކުރުމަކީ މިވަގުތު އެންމެ ރައްކާތެރިގޮތް ކަމުގައި މިއޭޖެންސީއިން ދެކެން". އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބްރޯ

    މި ރޯގާ ފެތުރިދާނެ ވާހަކަ ތެރޭ ވާހަކަ ނުދެއްކި ވާ ދެކަމެއްވޭ އެއްކަމަކި ބޭނުންކުރާ ފާއިސާގެ ނޫޓް ތައް ދެވަނަ ކަމަކީ ޕަބްލިކް ފާހާނާ ތައް ރޯގާއެއް ފެށިއްޖެ ނަމަ ޕަބްލިކް ފާހާނާތައް ބަންދުކުރުން މުހިންމު .ވާނެ.