މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒްކުރައްވާ ރައީސް ޔާމީން އަށް އެ މައްސަލައިގައި ދައުވާ ކުރީ، ތަހުގީގު މަރުހަލާގައި އެމަނިކުފާނާއި ސުވާލު ކުރި މައްސަލަ އަށް ކަމާއި މެދު އެމަނިކުފާނުގެ ދިފާއީ ވަކީލުންނާއި، ދައުލަތުގެ ވަކީލުންނާއި ދެމެދު ޚިޔާލް ތަފާތުވެއްޖެއެވެ.

މިއަދު ހައިކޯޓުގައި ބޭއްވި އިސްތިއުނާފް އަޑު އެހުމުގައި އޮތީ، މީގެ ކުރިން ބޭއްވި އަޑު އެހުމުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅި 75 ނުކުތާ އަށް ދައުލަތުން ޖަވާބުދާރީ ވުމެވެ.

ދައުލަތުން ވަނީ ރައީސް ޔާމީންގެ ފަރާތުން، ފުލުހުން ހިންގި ތަހުގީގާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކުރި ދައުވާ ދިމާނުވާކަމަށް ވިދާޅުވާތީ، ދައުލަތުގެ އެދުމުގެ މަތިން ހައިކޯޓުގައި ވަނީ ރައީސް ޔާމީން އާއި ސުވާލު ކުރުމަށް ފުލުހަށް ހާޒިރުކޮށް އިންޓަރވިއު ކުރި ވަގުތު ނަގާފައިވާ ވީޑިއޯ ކޯޓުގައި ދައްކާފައެވެ.

އެ ވީޑިއޯއިން ރައީސް ޔާމީން އަށް ޤާނޫނީ އިންޒާރު ދޭކަން ސާފުވާ ކަމަށާ، އެ އިންޒާރުގައި މަނީ ލޯންޑްރިންގެ ކުށް ހިމަނާފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ކުށް ރައީސް ޔާމީން އަށް ސާފުވާކަން ލިޔުންތަކުން ވެސް ހާމަވާނެ ކަމަށް ދައުލަގތުގެ ވަކީލާ ވިދާޅުވިއެވެ.

ޖަވާބުގައި ރައީސް ޔާމީންގެ ދިފާއީ ވަކީލް ވަނީ، ކްރިމިނަލް ކޯޓުގައި ވެސް ރައީސް ޔާމީން އަށް ދައުވާ ކުރި މައްސަލަ އާއި ސުވާލު ކުރި މައްސަލަ އާއި ދިމާ ނުވާކަން ފާހަގަކުރައްވާފައިވާ ކަމަށާ، ރައީސް ޔާމީންގެ މައްސަލައިގައި ޙުކުމް ކުރެއްވި އިރު އެކަމަށް ރިއާޔަތް ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ ދިފާއީ ވަކީލްގެ އެ ވާހަކަތަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މައްސަލަ ރައީސް ޔާމީންގެ ވަކީލުން ފާހަގަކުރީ ދަށު ކޯޓުގެ އެންމެ ފަހު އަޑުއެހުމުގައި ކަމަށެވެ.

އެހެންނަމަވެސް ރައީސް ޔާމީން އާއި ސުވާލު ކުރާ ވީޑިއޯ އާއި ލިޔުންތަކުން ރައީސް ޔާމީން އަށް ކުރާ ދައުވާ ސާފުކޮށް ބުނެދީފައިވާ ކަން އެނގޭ ކަމަށް ދައުލަތުން ތަކުރާރުކޮށް ވިދާޅުވިއެވެ.

ދައުލަތުގެ އެދުމުގެ މަތިން ހައިކޯޓުގައި މިއަދު ދެއްކި ވީޑިއޯގައި، ރައީސް ޔާމީނާ ސުވާލުކޮށްފައި ވަނީ އެސްއޯއެފުން ޖަމާކުރި ފައިސާ ލައުންޑަރކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި ކަމަށް، އިންޓަރވިއުު ކުރާ ފުލުސް މީހާ ބުނާ އަޑު އިވެ އެވެ.

ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ ޤާނޫނީ އިންޒާރުގައި، މަނީ ލޯންޑްރިންގެ ކުށް ހިމަނާފައި ވީނަމަވެސް، ރައީސް ޔާމީނަށް ދައުވާކުރި މައްސަލައާގުޅޭގޮތުން އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.

ތަހުގީގުގައި ސުވާލުކޮށްފައި ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި ކަމަށް ވާއިރު މިހާރު ދައުލަތުން އެކަން އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ރައީސް ޔާމީންގެ ވަކީލް ވިދާޅުވިއެވެ.

ބައިނަލް އަޤުވާމީ ޤާނޫނުތަކާއި، އެ ދައުވާ ޚިލާފެއް ނުވޭ!

ރައީސް ޔާމީންގެ ފަރާތުން މި މައްސަލައިގައި ފާހަގަކުރެއްވި އެއް ކަމަކީ، ރައީސް ޔާމީންގެ މައްޗަށް މަނީ ލައުންޑަރ ކުރުމުގެ ދައުވާކޮށްފައި ވަނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކައި ޚިލާފަށް ކަމުގެ ވާހަކައެވެ. އެ ކަމަށް އިޝާރާތް ކުރައްވާ ދައުލަތުގެ ވަކީލް ވިދާޅުވީ، ދިވެހި ރާއްޖެއިން ބައިވެރިވާ މުއާހަދާ އަކަށް އަމަލުކުރަން ޖެހެނީ ދިވެހިރާއްޖެއިން އެ ފަދަ މުއާހަދާ އަކަށް ރިއާޔަތްކޮށް ޤާނޫނެއް ހެދުމުން ކަމަށް ވާއިރު، އެފަދަ އެއްވެސް ޤާނޫނެއް ހަދާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ދައުވާ އަކީ ބައިނަލްއަޤުވާމީ މުއާހަދާއަކާއި ޚިލާފަށް ކުރި ދައުވާ އެއް ނޫން ކަމަށް ވަކީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ ކެމްޕެއިން ފައިސާ ކަމަށް ބަލާނެ ޖާގައެއް ނެތް: ދައުލަތް

ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެއްފް އެކައުންޓުން ޖަމާކުރި އެއްމިލިއަން ޑޮލަރަކީ ކެމްޕެއިންގެ ފައިސާ ކަމަށް ރައީސް ޔާމީން މީގެ ކުރިން ޝަރީއަތުގެ މަރުހަލާގައި ވިދާޅުވެފައިވާ އިރު، އެއީ ތެދުކަމަށް ވާނަމަ، އެ ފައިސާ އަކީ ކެމްޕެއިންގެ ބޭނުމަށް ޚަރަދު ކުރުން ހުއްދަ ކުރާ 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ކަމަށާ، އިންތިޚާބާއި ދިމާކޮށް ލިބޭ ފައިސާ ހޭދަ ކުރި ގޮތް މުޅި ޕާޓީގެ އެންމެންނަށް އެނގެން ޖެހޭ އިރު އެ ފައިސާ އަކީ ކިހިނެތް ލިބުނު ފައިސާއެއް ކަމާއި ހޭދަ ކުރާނެ ގޮތް ހާމަކޮށްފައި ނުވާކަން ދައުލަތުން ފާހަގަކުރައްވައެވެ.

މީގެ އިތުރުން އެ ފައިސާ އަކީ ކެމްޕެއިން ފައިސާ ކަމަށް ވިދާޅުވާއިރު، އެ ފައިސާ އިންވެސްޓް ކުރެއްވީ ކީއްވެގެންތޯ ދައުލަތުން ސުވާލު އުފެއްދެވިއެވެ.

އެގޮތުން، އެ ފައިސާ އަކީ ސިޔާސީ މަސައްކަތްތަކަށް ޚަރަދު ކުރާނެ ފައިސާ ކަމަށް ބުނި ނަމަވެސް، އެ ފައިސާ އިންވެސްޓް ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް ބޭނުން ނުކުރެވޭ ގޮތަށް ކަމަށާ، އެހެން ކަމުން އެއީ ޝައްކު އުފެދޭ އަމަލެއް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އަދި އެ ފައިސާ ޖަމާކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރައްވާ އިރު، ރައީސް ޔާމީން އާއި އަދީބު އަކީ މަޤާމުގެ ހައިސިއްޔަތުން އެއްވެސް ވިޔަފާރިއެއް ކުރުން ހުއްދަ ބަޔަކަށް ނުވުމާއި އެކު އެފަދަ މުއާމަލާތެއްކޮށް، އެ ފައިސާގެ އަސްލު ނޭނގޭ ނަމަ، އޭރު ރައީސް ޔާމީން އަދާކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހައިސިއްޔަތުން އެ ފައިސާގެ މައުލޫމާތު ސާފުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ދައުލަތުން ވިދާޅުވެއެވެ.

މައްސަލައިގެ އުންސުރުތައް ފުރިހަމަ: ދައުލަތް

މި މައްސަލައިގެ ރައީސް ޔާމީންގެ ފަރާތުން މައްސަލަ ފެށުނީއްސުރެ ފާހަގަކުރައްވާ އެއް ކަމަކަކީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ އަކީ ކޮރަޕްޝަންގެ ފައިސާ ކަމަށް އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާކަމެވެ. ރައީސް ޔާމީންގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުން ވިދާޅުވީ، ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް އެކަށީގެންވާ މިންވަރަށް ޝައްކު ކުރެވޭ ފައިސާ އަތުގައި ބެހެއްޓުމާއި، އިންވެސްޓް ކުރުމަކީ ކުށެއްކަން، މަނީ ލައުންޑަރ ކުރުމާއި ޓެރަރިޒަމްގެ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި މަނީ ލައުންޑަރ ކުރުމާއި ޓެރަރިޒަމްގެ ޤާނޫނު ތަންފީޒް ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ޙުދު އެމަނިކުފާނު ކަމަށް ވާއިރު، ރައީސް ޔާމީންގެ އަމަލަކީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ އަމަލަށް ފެތޭ ކުށެއް ކަން ރައީސް ޔާމީން އަށް ސާފުވެވަޑައިގަންނަވަން ޖެހޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ރައީސުންނަކީ އެއްވެސް ވިޔަފާރި އެއް ކުރެވޭ ބަޔަކަށް ނުވާއިރު، އެ މަގާމުގައި ހުންނެވި ބޭފުޅެއްގެ އެކައުންޓަށް ވިޔަފާރި ކުންފުންޏެއް ކަމަށްވާ އެސްއޯއެފުން ފައިސާ ޖަމާކުރުން، އެއީ ޝައްކު އުފެދޭ ހާލަތެއް ކަމަށް ދައުލަތުން މިއަދުވެސް ފާހަގަ ކުރިއެވެ.

ޚާއްސަކޮށް، އެސްއޯއެފް ކުންފުންޏަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ކުންފުންޏަކަށް ވުމާއި އެކު، އެ ކުންފުނިން ފައިސާ އެއް ލިބުމަކީ ތަހުގީގުކުރަން ޖެހޭ މައްސަަލައެއް ކަމަށް ދައުލަތުން ވިދާޅުވެއެވެ.

ހެކިންނާއި ގާޒީންގެ ބެންޗާއި މެދު އުފައްދާ ސުވާލުތައް ދައުލަތުން ބަލައެއް ނުގަނޭ!

ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހެކިން ރާވައިގެން ހެކިބަސް ދިނުމާއި، ދިފާއީ ހެކިންގެ ވާހަކަތަކަށް ރިއާޔަތް ނުކުރުން އަދި ގާޒީންގެ ބެންޗުން އަމަލު ކުރި ގޮތާއި މެދު ސުވާލު އުފައްދަވާފައިވެއެވެ.

އެކަންކަމަށް ޖަވާބުދެއްވަމުން ދައުލަތުން ވިދާޅުވީ، ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީންގެ ބެންޗަކީ ގާނޫނާ ހިލާފު ބެންޗެއް ކަމަށް ބުނާއިރު އެ ބެންޗަކީ ރައީސް ޔާމީންގެ އެދިލެއްވުމަކަށް އުފެއްދެވި ބެންޗެއް ކަމަށާ، އެ ބެންޗްގެ އިސް ގާޒީ މީޑިއާއަކަށް އިންޓަވިއު ދެއްވި ނަމަވެސް، ރައީސް ޔާމީންގެ މައްސަލައިން ތަނާޒިލު ވާން ނުޖެހޭ ކަން ކްރިމިނަލް ކޯޓުގެ މަރުހަލާގައި ސަބަބާއި އެކު ބަޔާންކޮށްދީފައިވާ ކަން ދަައުލަތުން ފާހަގަކުރައްވައެވެ.

ދައުލަތުން ވިދާޅުވ މި މައްސަލައިގައި ހެކިވެރިންގެ ހެކިބަސް ނަގާފައި ވަނީ ހުރިހާ ހެކިވެރިން އެއް ދުވަހެއްގެ މައްޗަށް ތާވަލުކޮށްގެން ނުފޫޒު ނުފޯރާނެ ގޮތަށް ވިސްނައިގެން ކަމަށާ، ރައީސް ޔާމީންގެ މައްޗަށް މަނީ ލައުންޑަރ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ޙުކުމް ކުރީ ހެކިންގެ ހެކިބަހަށް ބާރު ލިބޭ ޝަފަވީ ހެއްކަށް ވެސް ބެލުމަށް ފަހުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ދެން ހައިކޯޓުން ކުރަންޖެ ހޭ ހުކުމެ އޮންނާނެތަ ދައުލަތުން ތިއޮތީ ދައުލަތަށް ފެންނަގޮތުގަ ހުރި ހާ އުންސުރެ ފަންސުރެ ހަމަވެ ގަލަމުން ސޮއިޖަ ހާލަން ވެފަތިއޮތީ.ބޮޑެތި ގާތިލުން ޑްރަގް ޑީލަރުން ގޭންގްސްޓާރުން ނޭވާއެއް ލާ ހާ ފަސޭ ހައިން ކޯޓުން މިނިވަންވެ ނިކުމެގެންދަނީ ތި ހުރި ހާ އުންސުރާ ފަންސުރު ހުއްޓާ..ދައުލަތުގެ ވަކީލުންނަ ވާ ހަކަދައްކަން ފުރުސަތުލިބި ދައްކާނެ ވާ ހަކައެއްނެތި..ދައުލަތުން މިބުނާގޮތުން ގާނޫނެ ފާސްކޮއްފައޮތީމަ ދެން ކޮއްމެ މީ ހަކު ކުއްވެރި ވާނެއޭ އަމިއްލައަށްވެސް..ބަލަ ތަ ހުގީގު ކުރާފާތުން ހެކި ހޯދަނީ ކީއްކުރަން. ހެއްކާ ގަރީނާގެ މައްޗަށް ބިނާކޮށް ތަ ހުގީގު ނިންމުމަށްފަ ހު ދައުވާކުރަން ޕޖއަށް ދައުވާކުރަން ފޮނުވިޔަސް ޕޖއިންވެސް އެދައުވާއަށް އެތައްބައިވަރު ކަންކަމަކަށް ރިއާޔަތްކުރަނީ ކީއްކުރަން ބުނަންވީނުން.ގާނޫނެ އެބައޮތޭ ކުއްވެރިވާނެކަން އިގެންޖެ ހޭނޭ..އެސްއޯއެފްގެ އެކައުންޓުން ފައިސާލިބުނު އެހެންމީ ހުންކޮބާ.ކެންޕޭނުގަ ބޭނުންކުރި އެކައުންޓުގެ ފައިސާގެ އަދަދާމެދު ސުވާލުއުފެދެންޏާ އެކަމަށް ރިއާއަތްނުކުރީ ކީއްވެ ތަ ހުގީގުގަ.ވާދަކުރި ދެވަނަ ކެންޑިޑޭޓްގެ ކެންޕޭނުގެ އެކައުންޓްގެ ޙަބަރެދަބަރެ ބެލިންތަ.ދެމީ ހުންވެސް ޙަރަދުކުރީ އެކަކަށް ސުވާލުކޮއްފަ އަނެކަކު ކްލީން ކަމަށް ނިންމީކި ހިނެއް ތަ ހުގީގެ ސުވާލެ ނުކޮށް..

  2. މާހިރު

    ކުއްވެރިވާނީ ކުށެއްކުރިއްޔާތާ ނޫނީކުއްވެރިއެއް ނުވާނެތާދޯ ހިނގާބަލަން...ކުރީފަހަރުވެސް ބަލަންތިއްބާ އޮތީކުއްވެރިވެފަ ކަމަށްވަނީ އަހަރެމެން ނުކިޔަވާ މީހުންނަކަށް ނޭގޭނެދޯ ކުރިޔަކަށް

  3. ޖޯކު

    1 ހެކިންނަކީ ކުއްވެރިން 2 ކުއްވެރިންގެ ހެކިބަސް ޤަބޫލުކުރަނީ ކޮން ހަމަޔަކުންބާ 3 ހުކުމާ ހަމައައް ދިޔައީމަބާ ބެންޗް އެކުލަވާލަން އެދުނީ 4 ކުށެއްކޮންގެންހޯދިފައިސާކަން ކަނޑައަޅަނީ ގޮންގޮތަކައްބާ 5 އަދިމިހާތާކައްނެތް ދައުލަތުގެ އެއްވެސް އިދާރާޔަކުން ކަނޑައަޅާފައެއް އެފައިސާއަކީ ދައުލަތައް ލިބެންވާއެއްޗެއްކަމަކައް

  4. ޖަޒީރާ ބޯއީ

    ރައީސް ޔާމިނު އަދި ތިޔަކަމުން ނުކުންނާނެ، ކުއްކުރި ބައިގަނޑު މިހާރު މިތިބީ އަމިއްލަޔަށް ކޯޓުތަކުގެ ތެރެއަށް އަތްބާނާގެން ބޭރުގަ، ދުނިޔެއަކީ ވައްއެއްޗެކޭ ބުނާތިއަހަން.

  5. އަހުމަދު އުސްތާޒް

    މަހަމަބޭނުމީ މިއުޅޭ ބޯގަންވިލާ ފަޔާޒު ހައްޔަރުވާތަންދެކެން. އެދުވަހަކުން މަގަބޫލްކުރާނަން ރާއްޖޭގައި އަދުލު އިންސާފް އޮންނަކަމަށް.

  6. އަލްޖިބްރާ

    ތިމާ ކުރާ ކަމަކަށް ސުވާލު ކުރަން ޖެހެނީ ވަކިތަނެއްގަތަ ؟ ވައްކަން ކުރާމީހާ ވައްކަން ކުރިތަން ވީޑިއޯއިން ފެންނައިރުވެސް ސުވާލު ކުރަން ޖެހޭތަ ؟ އަމިއްލައެކައުންޓް އަށް މިލިއަނުން ވަގަށް ނަގާފަ ހުރި ފައިސާ ޖަމާކޮށްފަ ހުރިކަން އެގޭއިރުވެސް އެއީ ކުށެއް ކަމަށް ޤަބޫލު ނުކުރާ ބަޔަކީ އެއްކަމެއްވެސް ޤަބޫލު ކުރާނެ ބައެއްނޫން !

    1
    3