ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައެރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ދިވެހިރާއްޖޭގެ ޤައުމީ މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކިހިސާބު ތަކަށް އުދައަރައި އެކިވަރުގެ ގެއްލުން ވަމުންދާތީ "ވަގުތު" އަށް މައުލޫމާތު ދެމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"މޮޑެލްތައް ދައްކާގޮތުން ހުރިހާ ހިސާބަކަށްވެސް އުދައެރުމުގެ ފުރުސަތު ވަރަށް ބޮޑު, އަދި މޮޑެލްތައް ދައްކާގޮތުން އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް ދައްކަނީ ހުޅަނގު ބިތުގައި ހުރި ރަށްތަކަށް" އޮފިޝަލް ވިދާޅުވިއެވެ.

ދިޔަވަރު އެންމެ ބޮޑު ވާނީ ހަވީރު ކަމަށް ވާތީ އުތުރުގެ އަތޮޅުތަކަށް އުދަ އަރާނެ ކަމަށް ބެލެވެނީ 5:00 ހާއިރު އެވެ. މެދު ރާއްޖޭގެ އަތޮޅުތަކަށް އުނދަރާނެ ކަމަށް ބެލެވެނީ ހަވީރު 05:30 ހާއިރުއެވެ. ދެކުނުގެ އަތޮޅުތަކަށް އުދައިގެން އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ރޭގަނޑު 07:00 ހާއިރު ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުތައްވެސް މެދުރާއްޖެތެރެއަށާއި އުތުރަށް އެހާ ގަދަ ނުވާނެ ކަމަށާއި އެކަމަކު ކަނޑުތައްވެސް ދެކުނުގެ އަތޮޅުތަކަށް ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށާއި އަދި އެހެން ހިސާބުތަކަށްވެސް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް އެ އިދާރާއިން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިހުގެބޭބެ

    އުދަރާނެކަން ބުނަން މިއެގުނީ (ލަފާ ކޮށްލަން) އެގުނީ ރައްޖޭގެ ބޮޑު ބަޔަކަށް އުދައަރާ ނޫސްތަކުގައި ލިޔެ ހެދީމާ މިވަރު ވީމާ ރަގަޅު