ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހދ.ވައިކަރަދޫ، ކަސްތޫރިގެ، އަޙްމަދު އަދީބް (26އ) ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ ވެބެސައިޓުގައި ވިދާޅުވެފައި ވަނީ، އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ އަދީބު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަޙްމަދު އަދީބް ހޯދަމުންދަނީ ސާބިތު ޚަރަދުގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެންންނެވެ.

އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ބޭނުންވަނީ ބަންދުގައި ބަހައްޓައިގެން އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ 13:30 އަށް އޭނާ ކޯޓަށް ހާޒިރު ކުރުމަށެވެ.

ފުލުހުން ވަނީ އަޙްމަދު އަދީބް އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.