ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ގެ ސަބަބުންނާއި އަދި އެ ބައްޔަށް ޝައްކު ކުރެވޭ ބައެއް މީހުން މިހާރު ރާއްޖެއިން ވެސް ފެންނަމުން ދާތީ ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް މިހާރު ރަށްރަށަށް ގޮސް އުޅުއްވާ އިދިކޮޅު ކޯލިޝަންގެ ވަފްދުން ދަތުރު ކުރުކޮށްލުމަށް ނިންމައިފިއެވެ.

ޕީޕީއެމް އަދި ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އަދުގެ ސަރުކާރަށް ގޮވާލާ ކަމަށެވެ.
އެ ބަޔާނުގައި ޕީޕީއެމް ޕީއެންސީން ބުނީ ދަތުރުތައް ކުރުކޮށްލުމަށްފަހު އެނބުރި މާލެ އައުމަށް އެ ކޯލިޝަނުން ނިންމީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވެފައި އެފަދަ ނުރައްކާތެރު ބައްޔެއް ފެތުރިއްޖެ ނަމަ ކުރިމަތިވާނެ ދަތިތަކާއި ގެއްލުން ބޮޑުވާނެތީ ކަމަށެވެ. އެޕާޓީއަކީ އަބަދުވެސް ގައުމީ މަސްލަހަތު އެންމެ ފުރަތަމަވެސް އިސްކުރާނެ ޕާޓީއެއް ކަމަށާއި އަދި ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށްވެސް އެކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެ ކޯލިޝަނުން ވަނީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެ ބައްޔާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރަށް ގޮވާވެސް ލާފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިފަދައިން ބުނެފައިވާއިރު ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯސްގެ ފަރާތުން ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހޭ ހާލަތަކަށް އަދި ނުދާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައި ވަނީ އިންތިހާބު ފަސް ކުރުމަށް އަދި ވިސްނާފައި ނުވާ ކަމަށާއި އިންތިހާބު ފަސް ކޮށްދިނުމަށް ވެސް އެއްވެސް ފަރާތަކުން އެދިފައި ނުވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މިވަގުތު ރާއްޖެ އޮތީ ވައިޓް އެލާޓުގައި ކަމަށެވެ. އެހެންކަމުން މިވަގުތަކީ ސްކޫލުތައް ބަންދުކޮށް އޮފީސްތައް ބަންދު ކުރަންޖެހޭ ވަރުގެ ހާލަތެއް ނޫން ކަމަށާއި ނަމަވެސް ހާލަތު ބަދަލުވެއްޖެ ނަމަ ސަރުކާރުން އެކަން އިއުލާން ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.