ހ.އ. ހޯރަފުށީގައި ތަރައްޤީކުރާ އެއާޕޯޓުގެ މަސަތްކަތް މިއަހަރުގެ ސެޕްޓެމްބަރ މަހުގެތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެ އެއަރޕޯޓް ހެދުމުގައި މަސަތްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު، ދެއްކެވި ވާހަކަފުޅުގައި މިއަދު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ހޯރަފުށިގެ އެއަރޕޯޓުގެ މަސަތްކަތުގެ 52 ޕަސަންޓް މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި މިހާރު މަސައްކަތުގެ ތެރެއިން ރަންވޭ އެޅުމުގެ މަސައްކަތް ކުރެވެމުން ދާކަމަށެވެ.

އާޒިމް ވިދާޅުވީ އެއާޕޯޓު އެޅުމަކީ ވަރަށް ޓެކްނިކަލް ކަމެއް ކަމަށާ، އެ ކުންފުނީގައި މިފަދަ އެއާޕޯޓެއް އެޅުމުގެ ގާބިލްކަމާއި ވަސީލަތް އެބަހުރި ކަމަށެވެ. އަދި ރަންވޭގައި އަޅާ ހަތަރު ފަށަލައިގެ ތެރެއިން ފުރަތަމަ އަޅާ އެގްރިގޭޓް ބޭސް އެޅުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން ހޯރަފުށިގެ އެއަރޕޯޓިގެ މަސަތްކަތް އެމްޓީސީސީ އާއި ހަވާލުކުރީ ނިމިދިޔަ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ. މާރިޗު 25 ވަނަ ދުވަހުން ފެށިގެން 16 މަސްދުވަސްތެރޭ ނިންމާގޮތަށް އެމްޓީސީސީން ހާވާލުވެފައިވާ މި މަސަތްކަތް އެކުންފުންޏާއި ހަވާލުކުރީ 198 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 842،200.33 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާ، ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 1،120 މީޓަރުގެ ރިވެޓްމަންޓް ޖަހާގޮތަށް ވަނި ހަމަޖެހިފައެވެ. މި އެއަރޕޯޓުގައި ރަންވޭއަށް ޖުމްލަ 37،424 އަކަމީޓަރު ހާއްސަކޮށްފައިވާއިރު ބޯޓު ޕާކުރާ އޭޕްރަން އަދި ޓެކްސީ ވޭގެ މަސައްކަތަށް 8،635 އަކަ މީޓަރު އަދި މިތަނުގައި ސާވިސް ރޯޑާއި ފަޔާ އެކްސެސް ރޯޑު ހަދާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ސަރުކާރުގެ މަޝްރޫއުތަކަށް ބަލާއިރު މި އަހަރުގެ ތެރޭގައި ޑޮމެސްޓިކް އިތުރު ހަތަރު އެއަރޕޯޓް ހުޅުވާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ށ. ފުނަދޫ، ޅ. މަޑިވަރު، އަދި ގ.ދ. މާވާރުލު އެއާރޕޯޓް ހުޅުވުމަށް ވަނީ ނިންމާފައެވެ.