ހަލުވިކަމާއެކު ފެތުރި ދުނިޔެއަށް ނުރައްކާ ކުރިމަތިކޮށްފައިވާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު، އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން އެއްވުންތައް ނުބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އަލްހާން މިކަން އިއުލާނުކޮށްފައި ވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އަލްހާން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވައި މިހާރު ކުރިޔަށްގެންދާ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން އެއްވުންތައް ނުބޭއްވުމަށް ނިންމާފައި ވަނީ ކޮރޯނާ ވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ.

ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އަލްހާން ކެމްޕޭން އެއްވުންތައް ނުބާއްވަން ނިންމެވިއިރު، އަލްހާން އަކީ ކޮރޯނާ ވައިރަސްގެ ނުރައްކަލަށް މިފަދަ ފިޔަވަޅެއް އެޅުއްވި ފުރަތަމަ ފަރާތެވެ.

"މާލޭގެ ލޮބުވެތި ރަށްވެހީން، ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އަޅުގަނޑުގެ ކެމްޕޭނުގައި އެއްވެސް ޢާންމު އެއްވުމެއް ނުބާއްވަން" އަލްހާން ވިދާޅުވިއެވެ.

އަލްހާން އިތުރަށް ވިދާޅުވެފައި ވަނީ، އޭނާގެ ކެމްޕޭން ލޯންޗްކުރުން އޮންނާނީ ކެމްޕޭން އޮފީހުގައި ކަމަށާއި، މި ހަރަކާތް މީސްމީޑީއާ އާއި މީޑިއާތައް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެ ކަމަށެވެ.

ކޮރޯނާ ވައިރަސްގެ ނުރައްކަލަށް އަލްހާންގެ ކެމްޕޭން އެއްވުންތައް ނުބާއްވާގޮތަށް ހަމަޖައްސާފައިވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ކޮރޯނާއަށް ޝައްކުކުރެވޭ ބައެއް މީހުން ރާއްޖެއިން ފެނިގެން މޮނިޓާ ކޮށްފައި ވެއެވެ. އެގޮތުން މިއަދުވެސް ރާއްޖޭގެ ރިސޯޓެއްގައި އުޅުނު ދެ ފަތުރުވެރިއެއްގެ ގައިން ކޮރޯނާ ޖެހިފައިވާ ކަމުގެ އަލާމާތްތަކެއް ފެނުމުން، އެ ރިސޯޓަށް އަރާ ފޭބުން ވަނީ ހުއްޓުވާފައެވެ.

ރާއްޖެއަށް ކޮރޯނާގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގައި ޗުއްޓި ހޭދަކޮށްފައި ދިޔަ އިޓަލީއަށް ނިސްބަތްވާ މީހަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައި ވެއެވެ. މިކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އާއި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު މިހާތަނަށް ދުނިޔޭގެ 98 ޤައުމުން މި ވައިރަސް ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލާސާނީ

    ދާނެ މީހަކުނުވެގެން ތިއުޅެނީ ކޮވިޑް އޭ ކިޔާގެން.

    5
    6
  2. ބަރުގޮނު

    އެގިގެން ނަމަވެސް ނޭގި ނަމަވެސް ތިޔައީ އޭނަޔަށް ކުރެވުނު އޭނަޔަށް ފައިދާ ކުރާނެ ކަމެއް. އެކަމަކު ދެންވެސް އިންތިޚާބެއް އޮތިއްޔާ ކުރިމަތިލާން ހަދާން ބަހައްޓާތި.

    3
    5
  3. މާމިގިލީ މީހާ

    ކަލޭއަށް ތާއީދު ނެތްކަން އެގޭތީ ލަދުން އެއްވުންތައް ބާއްވާން ނުކެރެނީ..

    4
    6
  4. އެމަންޖެ

    އެއްވެގެން ވޯޓުލެވެންއޮތީވެސް އެހެންވީމަ ރައްކާތެރިވުމުގެ ގޮތުން އަލްހާނަށް ވޯޓުލާކައް ނުދާނަން.

    3
    6
  5. ނިޔާ

    ތި ބޭއްވިއަސް މީހަކު ނުދާނެ. ލޮލް.

    6
    6