މިދުވަސްވަރަކީ ރާއްޖޭގެ އެކިރަށްރަށަށް އުދައަރަމުންދާ ދުވަސްވަރަކަށްވާތީ ގިނަ ކަންތައްތަކަށް ސަމާލުވެ ތިބުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ވިދާޅުވެފައި ވަނީ މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަށްފަހު ދަތުރުކުރެއްވުމަށެވެ. އަދި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބުމަށް ވަނީ އަންގާފައެވެ.

ފުލުހުން ވިދާޅުވީ، އެ އުޅަނދު ފަހަރަކީ ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް ސަމާލުކަން ދިނުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރެއްވުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ދަތުރުކުރަން ބޭނުންވާ އުޅަނދުފަހަރުގައި މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަޤީންކުރެއްވުމަށްފަހު ނޫނީ ދަތުރު ނުފެއްޓެވުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ހާދިސާއެއް ދިމާވެދާނެ ކަމަށް ބަލައި އެތަންތަނުގައި އުޅަނދު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށްޓަކައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރަމެވެ.

އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާދެއްވާފައިވާއިރު، އުދައެރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމުކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ވިއްސާރަ ދުވަސްވަރު މަގުމަތީގައި ބަލައިގެން ދުއްވުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.