މިހާރު މުޅި ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޝައްކުކުރެވޭ ދެމީހަކު ފެނުމާއި ގުޅިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ މި ބަލިން ރާއްޖެ ސަލާމަތް ވުމަށް އެންމެ ބޭނުންތެރި އެއް ކަމަކީ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

"އެއެކިއެކި ތަފާތުތައް އެއްފަރާތްކޮށް، ހުރިހާ ރައްޔިތުން ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށްޓަކައި، އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް" އަމީން ވިދާޅުވިއެވެ.

އޭނާ ވަނީ މި ވަގުތުގައި އާންމުންގެ ތެރޭގައި ދެކެވެމުން އަންނަ ދޮގު ވާހަކަތައް ގަބޫލު ނުކޮށް ސިއްހީ މާހިރުންނާއި ޑޮކްޓަރުން އަދި ސަރުކާރުން ހާމަކުރަމުންދާ މައުލޫމާތުތައް ގަބޫލު ކުރުމަށް ވެސް އިލްތިމާސްކުރަށްވާފައެވެ.

އަމީން ވަނީ މި ދުވަސްވަރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، މިވަގުތުގެ ނާޖާއިޒް ފައިދާ ނަގައި ދޮގު މައުލޫމާތު ފެތުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް އެފަދަ ކަންކަމަށް ރައްޔިތުން ސަމާލުވެ ތިބުމަށް އެދިވަޑައިގެންފައެވެ.

"މިވަގުތަކީ ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު. ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުން އެންމެ މުހިއްމު ކަމަކީ" އަމީން ވިދާޅުވިއެވެ.

ކުރެއްދޫ ރިސޯޓުން ވައިރަހަށް ޕޮޒިޓިވް ވެފައިވާ ދެމީހަކު ފެނުމާއި ގުޅިގެން އެރިސޯޓް އަދިވެސް އޮތީ ލޮކްޑައުން ކޮށްފައެވެ.

ކޮވިޑް-19 ރާއްޖެ އިން ފެނުނު ނަމަވެސް އެއްވެސް މީހަކު ކަންބޮޑުވެ ހާސްނުވުމަށާއި، މިހާރެކޭ އެއްގޮތައް އާއްމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބްރޯ

    އަމީނު ވެސް އިލްތިމާސް ކުރަންވީ މިހާރަކު ނޫން ވައިރަސް ރާއްޖެ ނާންނަފަދަ ފިޔަވަޅުއަޅާފަ . ބަލަގަ ޗައިނާ އިން ބަޔަކަށް ނާދެވުނު ޗައިނާމީނުން ރާއްޖޭގެ މަސއްކަތް އެބަކުރޭ އެކަމަކުވެސް ރާއްޖެއަށް ޗައިނާ ބަޔަކު ނޭދެވޭގޮތަށް މަގުބަންދުކުރީ . އިޓަލީން ވެސް ކޮންމެ ދުވަހަކު އެތައްބަޔަކު މަރުވަމުން ދިޔަ އިރުވެސް އަދި އިޓަލީ ސަރުކާރަށްވެސް އެގައުމުގާ ބަލި ފެތުރިގެންގޮސްފައިވަ މިންވަރު ވަޒަންނުވައިރު ވެސް އިޓަލީން ރާއްޖެއަށް މީހުން އައުން ނުހުއްޓުވުމުގެ ޒިންމާ މަޖިލީހުގެ ރައިސާ ގައުމުގެ ރައީސް އުފުއްލަވަންޖެހެނެ. އެއީ އެދެފަރާތުގެ އާއިލީ ވިޔަފާރީގެ މަސްލަހަތަށްޓަކާ މަގާމުގެ ނުފޫޒުން އިޓަލީން މީހުން އައުން މަނާ ނުކުރުމުގެ ސަބަބުން.