ސަމާ އައިލެންޑު ރިސޯޓުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އިތުރު މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ މިހާރު އެ ރިސޯޓުން ހަތަރު މީހަކު ކޮވިޑް-19 އަށް ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކު ކަރަންޓީން ކުރީ ހޮނިހިރު ދުވަހު ހެނދުނު އެވެ.

ސަމާ އައިލެންޑުގައި ޗުއްޓީ ހޭދަކުރަމުން އައި ފްރާންސްގެ ދެ ފަތުރުވެރިންގެ އިތުރުން އެ ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ޑޮކްޓަރު ވެސް ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ފަރުކޮޅުފުއްޓަށް ގެންގޮސް މޮނީޓާ ކުރަމުން އަންނަކަން ހޮނިހިރު ދުވަހު ހެނދުނު ވަނީ އެޗްޕީއޭ އިން ކަށަވަރު ކޮށްދެއްވާފައެވެ.

އަދި ރިސޯޓުގައި ތިން މުވައްޒަފަކު ކެއްސާތީ، އެޗްޕީއޭގެ ލަފަޔާއެކު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެމީހުން ކޮޓަރީގައި ކަރަންޓީނު ކޮށްފައިވާ ކަމަށް އެ ސަމާ އައިލެންޑް ރިސޯޓުން މިއަދު ބުންޏެވެ.

ސަމާ އައިލެންޑް ރިސޯޓުން ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ކުރަމުން އަންނަ ފަރާތްތަކުގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެޗްޕީއޭގެ ހުއްދަ ނެތި އެ ރިސޯޓަށް މީހުން އަރާ ފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.

ސަމާ އައިލެންޑް ރިސޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ރިސޯޓަށް ރިޒަވޭޝަން ހެދުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިން އެހެން ރިސޯޓުގައި ތިބެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ރާއްޖެ އިން މިހާރު ވަނި ކޮވިޑް-19 ފެނިފައެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކުރެއްދޫ ރިސޯޓްގައި މަސައްކަތް ކުރާ ދެމުވައްޒަފުންނެވެ. ރާއްޖެ އިން ކޮވިޑް-19 ފެނުނު ނަމަވެސް އެއްވެސް މީހަކު ޕެނިކް ނުވުމަށާއި މިހާރެކޭ އެއްގޮތައް އާއްމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބްރޯ

    ފަރަންސޭސި ވިލަާތަކީ ބަލި ފެތުރެމުން އަންނަ ގައުމަކަށް ވެފާ އެތަނުން މީހުން އައުން ހުއްޓުވުގެ ފިޔަވަޅު ނެޅުވުނީ ކީއްވެބާ؟ ސަރުކާރުން ފިޔަވަޅު ނޭޅުމުން ރެސޯޓް ތަކުން ފިޔަވަލު އެޅިނަމަ މިހާރު މިއައި ގެއްލުން ކުރިމަތި ނުވީސް ކަންކަށަވަރު ދޯ