މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިރޭ ބާއްވަން ނިންމާފައިވާ އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާ ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފިއެވެ.
އެމްއެންޔޫ އިން ދިޔައީ އެ ހަފްލާއަށް ތައްޔާރުވުމުގެ ގޮތުން ހަފްލާ ބާއްވަން ނިންމާފައިވާ ދަރުބާރުގޭގައި ތައްޔާރީތައްވެސް ވަމުންނެވެ ނަމަވެސް ރޭގެ ވަގުތެއްގައި ރާއްޖެއިން ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެ ހަފްލާ އެހެން ތާރީހަކަށް މިހާރު ވަނީ ފަސްކޮށްފައެވެ. އެ ޔުނިވާސިޓީން ވަނީ ފަހުގެ ތާރީހެއްގައި ގްރެޖުއޭޝަން ބާއްވާނެ ކަމަށް ބުނެފައެވެ.

އެމްއެންޔޫ އިން ބުނީ ފަސްކުރެވިފައިވާ ދަސްވެނިވުމުގައި ބައިވެރިވާން ބޭނުން ނުވާ ކުދިންނަށް ދަރިވަރުންގެ ހިދުމަތްތަކާ ބެހޭ ބައިން ދަސްވެނިވުމުގައި ބައިވެރިވާން ދެއްކި ފައިސާ އަނބުރާ ލިބިގެންދާނެ ކަމަށެވެ.

އެމްއެންޔޫ އިން އިތުރަށް ބުނީ ސެޓްފިކެޓަށް ރަޖިސްޓްރާގެ އޮފީހުގައި ބުދަ ދުވަހުގެ 14:00 ގެ ކުރިން އެދެވޭނެ ކަމަށެވެ. ފަސްކުރެވުނު ދަސްވެނިވުމުގައި ބައިވެރިވުމަށް އެދިފައިވާ ދަސްވެނިން، ސެޓިިފިކެޓް ނެގި ނަމަވެސް ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވުމުގެ ފުރުސަތު އެ ދަރިވަރުންނަށް އޮންނާނެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑުން ކަރަންޓީނަށް ގެންދިޔަ ދެ ބިދޭސީ މުވައްޒަފުންނެވެ. އަދި މިވަގުތު އެރަށް އޮތީ އޮރެންޖު އެލާޓުގައެވެ. އަދި ރާއްޖޭގެ ހާލަތު އޮތީ ޔެލޯ އެލާޓުގައެވެ. އޮރެންޖު އެލާޓަކީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބެލި ފެތުރޭ ހާލަތެވެ. ޔެލޯ އެލާޓަކީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގައި ނެރޭ އެލާޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަފާ

    މި ގްރެޖުއޭޝަން ފަސް ނުކޮށް ނިންމާލި ނަމަ.
    އަޅުގަނޑުމެން ދަރިވަރުންނަށް ގެއްލުން.
    ރަށުން މަންމަމެން ގެނެއްސަށް.
    ފޮޓޯ ޝޫޓް ބުކް ކޮށް ، އެޑްވާންސް ޕޭމަންޓް ދީފަ.