ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންގެ ރައްކާތެރިކަމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފިއެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުތަކުގެ ގައިދީންގެ ރައްކާތެރިކަމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކަރެކްޝަންސް އިން ކުރަމުން އަންނަ ކަމަށެވެ. އަދި ކަމާގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް ޖަލުތަކުގައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ކަރެކްޝަނުން ޖަލުތަކުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައި މިވަނީ ރޭ ރާއްޖެއިން ވެސް މި ބައްޔަށް ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައި ވަނިކޮށެވެ. މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ކުރެއްދޫ އައިލެންޑު ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފެކެވެ. މީގެއިތުރުން ރޭ ވަނީ އއ.ސޭންޑީޒް ބަތަލާ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓާ ކުރުމަށް ކަރަންޓީންކޮށް، އެ ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާ ކޮށްފައެވެ.

ސަރުކާރުން ވަނީ މިހާލަތުގައި އަދި އެއްވެސް ރައްޔިތަކު ކަންބޮޑުނުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ބޯލެނބުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައުންސެލަރު

    ސާބަހޭ! ގައިދީންގެ ރައްކާތެރިކަން ކަށްވަރުކުރަންވާނެ އާންމު މީހާ ހޭބަލިވިޔަސް! #ލާދީނީ

  2. ހޭލާ

    އަޅެ ދިވެހި ރައްޔިތުން ކަންބޮޑެއް ނުވޭތަ ކެނަރީގޭ ގައިދީ ބުއްޅަބޭ މުޖްތަމައަށް ދޫކޮަށްލާފަ ބެހެއްޓީމަކާ އެއީ ކުރާނެ ހުރިހާ ވައްކަން ހުސްވެގެން މީހަކު ވަގަށް ނެގި ގައިދީއެއް އެއީ މިގައުމާ މުޖުތަމަ އަށް އޮތް އެންބޮޑު ބިރުވެރިކމަކީ