ސަރުކާރުން ކަނޑައަޅާފައިވާ އަގަށް މާލޭ ވިޔަފާރި ބަނދަރުން ކޮންޓެއިނަރު ހުސްކުރުމުގެ މަސައްކަތް ކުރުމަށް މަޖޫރީން ރަޖިސްޓަރީވުމަށް ދިން ފުރުޞަތުގައި ރަޖިސްޓަރީ ނުކުރާ މަޖޫރީންގެ ހުއްދަތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބާތިލު ކޮށްފިއެވެ.

މާލޭގެ ޓްރެފިކްގެ މައްސަލައަށް ލުޔެއް ހޯދުމުގެ ގޮތުން ދުވާލުގެ ވަގުތުތަކުގައި އާއްމު ވިޔަފާރިތަކުގެ މުދާ ޕިކަޕްތަކާއި ލޮރީތަކުގައި އުފުލުން ހުއްޓުވައި ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ރޭގަނޑާއި ދުވާލު މަސައްކަތް ކުރަންޖެހޭކަމަށްބުނެ މަޖޫރީން މަސައްކަތް ކޮށްދޭ އަގު ދެގުނައަށްވުރެ ބޮޑު ކުރުމުން ސަރުކާރުން ވަނީ މުދަލުގެ އަގު ބޮޑުވިޔަ ނުދިނުމަށް މަޖޫރީންގެ އަގު ކޮންޓްރޯލް ކޮށްފައެވެ.

އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސަރުކާރުން ކަނޑައެޅި އަގުތަކުގައި މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކުރުމުގެ މަސައްކަތް ކުރަން ބޭނުންވާ މަޖޫރީން ރަޖިސްޓަރީވުމަށް އެޕްރީލް 5 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށާއި، އެ މުއްދަތުގައި ރަޖިސްޓަރީވާން ހުށައަޅާފައިނުވާ މަޖޫރީންގެ ރެޖިސްޓަރީތައް ބާތިލުވެފައިވާކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މުދާ އުފުލުމުގެ އުސޫލަށް ބަދަލު ގެންނަވާފައިވަނީ މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މި ނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނީ އިރުއޮއްސި 06:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދު އަދި ޑެލިވަރީގެ ގޮތުގައި ކައްކާ ގޭސް ހެނދުނު 08:30 އިން 11:00 އަށާއި، އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށް އުފުލޭ ގޮތަށެވެ.

މި ބަދަލާއެކު ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި ފަސޭހަކަމާއެކު ދުއްވާ ހިނގާ ބިނގާވެ އުޅެވުނު ނަމަވެސް، އިރު އޮއްސުމާއެކު މަގުތަކަށް އާދަޔާ ހިލާފަށް ކާރޫ ބާރު ބޮޑުވެ ދަތިތަކާ ކުރިމަތިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ކާލިގަނޑުޓީވީ 24 ގަޑީއިރު ކުރާކަމަކީ ލޮލަށްފެނިފެނިހުރި ކަންކަންވެސް އޮޅުވާލާ ރައްޔިތުން އެއްވާފަޅިންނެރެ އަނެއް ވާފަޅިއަށް ވެއްދުމެވެ. މިއަދު އެމީހުންނަށް އޮތް ގޮތަކީ ހަމައެކަނި ދޮގުހަދައިގެން ރައްޔިތުންގެ ފޯކާސް އަނބުރާލެވޭތޯ ބެލުން!

  2. ޙަފްސާގެ ބަފާ

    ޙަފްސާ ދަރިފޫ ވެސް ތިބަލަނީ ކާލިގަނޑު ޓީވީއޭދޯ.