ކޮވިޑް-19 އާއި ގުޅުވައިގެން ސޭންޑީޒް ބަތަލާ ރިސޯޓުގެ ރޫމް ކަރަންޓީންގައިވެސް 11 ފަރާތަކުން ތިބި ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ ރިސޯޓުގައި ހުިރި އިޓަލީ ފަތުރުވެރިއަކު ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުން، ރިސޯޓަށް މީހުން އެރުމާއި ފޭބުން މަނާކޮށް ރިސޯޓް ލޮކް ޑައުންކޮށްފައެވެ. އެ ރިސޯޓް ލޮކް ޑައުންކުރީ ރޭގެ ވަގުތެއްގައެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ކޮވިޑް-19އަށް ޝައްކު ކުރެވިގެން 24 ފަރާތެއްގެ ސާމްޕަލް ނެގިފައިވާ ކަމަށާއި، އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިއިރު، 20 ފަރާތެއް ނެގަޓިވްވެފައިވާ ކަމަށެވެ. އަދި ދެ ފަރާތެއްގެ ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށް އަމީން ވިދާޅުވިއެވެ.

އޭގެ ތެރޭގައި ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޝައްކުވާ ފަރާތް ހިމެނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީ އން ނޫސްވެރިން އަށް މައުލޫމާތު ދެއްވަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މީގެ އިތުރުން، ކޮވިޑް-19އާ ގުޅިގެން އަށް ފަރާތެއް މިހާރު ފަރުކޮޅު ފުށީގައި ކަރަންޓިންކޮށްފައިވާއިރު، އިތުރު ދެ ފަރާތެއްވެސް ކަރަންޓީންގައި އެބަ ތިބި ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑް-19ގެ ދެ ކޭސް ފެނުނު ކުރެއްދޫ ރިސޯޓުގައި 93 ފަރާތެއް ރޫމް އައިސޮލޭޝަންގައި އެބަތިބި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގގެ ގޮތުގައި މިހާތަނަށް ކުރެއްދޫން 80 ފަރާތެއް ފާހަގަކުރެވިފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރެއްދޫގައި މަސައްކަތް ކުރާ މުވައްޒަފަކު ށ. ފޯކައިދޫގައި ހުއްޓާ ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން މިހާރު ދަނީ ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ފެނިފައި ވަނީ ދެ މީހެއްގެ ގައިންނެވެ. އެއީ ދެ ބިދޭސީންނެވެެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބްރޯ

    ދުނިޔޭގެ 26 ގައުމަށް އިޓަލީން ބަލި ދިޔައިރު ވެސް ދިވެހި ގައުމުން އަޅާނުލާ އިޓަލި އަށް ހުޅުވާލާ ފަ އޮތް އޮތުމުގެ ސަބަބުން ދަވްލަތުން ކުރަންޖެހުނު ހަރަދު ތަކުގެ ޒިންމާ އުފުލަންޖެހެނީ ރެސޯޓް ތަކުގެ އޯނަރުންތޯ؟ ވޭންތަހަންމަލްކޮށް ހަދަން މިޖެހުނީ އެ މުވައްޒަފުންގެ ގޯހަކުންތޯ؟ އިޓަލިން ދުވާލެއްގެ މައްޗަށް އެތައްބަޔަކު މަރުވަމުންދިޔަ އިރުވެސް އަޅާ ނުލާ ދިވެހި ގައުމަށްއިޓަލީން މީހުންއެތެރެ ކުރުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކެއް ދަވްލަތުގާ ތިބެންޖެހޭނެ.