ރާއްޖެ އިން ފުރާ މީހުން ސްކްރީން ކުރަން ފަށަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ރާއްޖެ އިން ފެނުމާ ގުޅިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ފަޒުލް ވިދާޅުވީ ފުރާ މީހުން ސްކްރީން ކުރުމަކީ ކޮވިޑް-19 ޖެހޭ މީހުން އެ ބަލި ޖެހެނީ ކިހާ ހިސާބަކުން ކަން ދެނެގަތުމަށް މުހިންމު ކަމެއް ކަމަށެވެ.

އިޓަލީ އާއި ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަށް ވެފައި، އެ ދެ ގައުމުގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ އެ ދެ ގައުމުން މީހުން އައުން މަނާ ކުރުމަކީ އެޅި މުހިއްމު ފިޔަވަޅެއް ކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވަނީ ފެނާއި ކާބޯތަކެތި ރަށްތަކަށް ފޯރުކޮށްދިނުމުގެ ނިޒާމް ވަރުގަދަކޮށް ރައްޔިތުން ހާސް ނުވާނެހެން އަމަލު ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

"ރައްޔިތުން ތިބެގެން ގައުމުގެ އިގްތިސާދެއް އޮންނާނީ، އަދި ރައްޔިތުން ތިބެގެން ގައުމެއް ވެސް އޮންނާނީ. މި ކޮވިޑްގެ ކަންތަކުގައި ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ހުއްޓުވާލީ މީ ހަމަ ސަބަބުތަކަކަށްޓަކައި. ރަނގަޅު ސަބަބުތަކަށްޓަކައި ކަމަށް އަޅުގަނޑު ގަބޫލުކުރަން." ފަޒުލް ވިދާޅުވިއެވެ.

ރާއްޖެ އިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފެކެވެ. އެމީހުންނަކީ އެރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު މިމަހުގެ އެއް ވަނަ ދުވަހު ގައުމަށް ދިޔަ އިޓަލީވިލާތުގެ މީހަކާއި ބައްދަލުވެފައިވާ ބައެކެވެ. ރޭ ބަތަލާ ރިސޯޓުން ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ މީހުންނާ އެކި ގޮތް ގޮތުން ގުޅުން ހުރި 173 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކުރެއްދޫ ރިސޯޓުގެ ކޮޓަރިތަކުގައި 93 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.