މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން 37 މީހަކު ވާނީ ސްކްރީން މަރުހަލާގައި އަނބުރާ ގައުމަށް ފޮނުވާލައިފައި ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި މީގެ ކުރިން ކޮށްފައިވާ މަސައްކަތްތައް ހާމަކުރުމަށް ހާޒިރުވެ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ސްކްރީން ކޮށްފައިވާ މީހުންގެ ތެރެއިން ޖުމްލަ 37 މީހަކު ވާނީ އަނބުރާ ގައުމަށް ފޮނުވާލައިފައި ކަމަށެވެ.

މީގެ އިތުރުން މިހާތަނަށް އިޓަލީ އިންނާއި، ޗައިނާއިން އަދި ބަންގްލަދޭޝް އިން ވާނީ ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވާފައި ކަމަށާއި، ޗައިނާ އާއި އިޓަލީ އިން ރާއްޖެއަށް މީހުން އައުން ހުއްޓުވި އިރުވެސް އެކަމުންވާނެ ގެއްލުންތައް އަންދާޒާ ކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް އިގްތިސާދު ކުރިއެރުވުމަށްވުރެ މުހިންމީ ރައްޔިތުންގެ ސިއްހަތު ކަމަށާއި، މިއިން ކޮންމެ ނިންމުމެއްވެސް ނިންމާފައި ވާނީ، ކަމާބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސައްކަތުގެ އަމާޒު އެންމެ ފުރަތަމަ ފެށިގެން ދިޔައީ ރައްޔިތުންގެ ފުރާނައާއި ސިއްހަތު ސަލާމަތްކުރުން. ދެން ރާއްޖޭގެ އިގްތިސޯދާއި ގައުމަށް ކުރު މުސްތަގުބަލެއްގައި ކުރިމަތިވާނެ ގޮންޖެހުންތަކަށް ވިސްނަވައިގެން. ކަންކަން ނިންމުން،" އަމީން ވިދާޅުވިއެވެ.

ރޭ މިނިސްޓަރ އަމީން ވިދާޅުވިގޮތުގައި، ކޮވިޑް-19އާ ގުޅިގެން އަށް ފަރާތެއް ފަރުކޮޅު ފުށީގައި ކަރަންޓިންކޮށްފައިވާއިރު، އިތުރު ދެ ފަރާތެއްވެސް ކަރަންޓީންގައި އެބަ ތިއްބެވެ. އަދި ކޮވިޑް-19ގެ ދެ ކޭސް ފެނުނު ކުރެއްދޫ ރިސޯޓުގައި 93 ފަރާތެއް ރޫމް އައިސޮލޭޝަންގައި އެބަތިއްބެވެ. އަދި ކޮންޓެކްޓް ޓްރޭސިންގގެ ގޮތުގައި މިހާތަނަށް ކުރެއްދޫން 80 ފަރާތެއް ފާހަގަކުރެވިފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސޭންޑީޒް ބަތަލާ ރިސޯޓުގެ ރޫމް ކަރަންޓީންގައިވެސް 11 ފަރާތަކުން ތިބި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން ފުރަތަމަ މި ބަލި ފެނިފައި ވަނީ، ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ދެމުވައްޒަފުންގެ ގައިންނެވެ. ދެން މިބަލި ފެނިފައި ވަނީ ސޭންޑީސް ބަތަލާ ރިސޯޓުންނެވެ. އެރިސޯޓުން މިބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ދެ ފަތުރުވެރިއެއްގެ ގައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސޭޙަތް

    ކުރިންވެސް މިގޮތައް އަމަލުކުރިނަމަ ކިހާރަނގަޅު.

  2. ގެނޭ

    ނޫނޭ އެމީހުން ފޮނުވާނުލާ މިޜާއްޖެ ބަނޑަށް ޖެހިދާނެ. މަޖިލިސް ރަޢީސްގެ އެއްމަހުގެ މުސާރަވެސް ދޭން ނުލިބިދާނެ. ވީމާ އެއްގޮތަކަށްވެސް މިރާއްޖޭގެ ފަތުރުވެރިކަން ހުއްޓާނުލާތި ! ރ.ޔާމީންގެ ދައުރުގަ ޖަމާކުރި ރިޒަވް ގަ މިހާރު އެއްމެ ލާރިއެއްވެސް ނެތް. ފަހަށް ރައްކާކުރި އެއްމެ ލާރި ފޮއްޗެއްވެސް ނެތިގެން މި ސަރުކާރަށް މަޖުބޫރުވީ ފަތުރުވެރިން ގެންނަން. ށޭ ! އޭރުން ގަޔަށް ބުރާނޭ އަދި ވަސްވެސް ދުވާނެޔޭ.