ވޭތުވެދިޔަ 7 އަހަރު ތެރޭގައި ރައްޔިތުންނަށް ލިބުނު އެކި ގެއްލުންތުކަށާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލަށް އާއްމު ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އިންތިގާލީ އިންސާފުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދުމުގެ ގޮތުން ބާއްވާ ބައްދަލުވުން އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ މަޖިލިސް އިދާރާގައި ކަމަށެވެ. އެ ބައްދަލުވުން އޮންނާނީ 20:15 ގައި ކަމަށްވެސް މަޖިލިސް އިދާރާއިން މައުލޫމާތުދެއެވެ.

އެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި ބިލު ދިރާސާ ކުރާ ހިއުމަން ރައިޓްސް ކޮމެޓީ އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދާއި ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އިތުރުން ބިލު މަޖިލީހަށް ހުށަހެޅުއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ބިލަކީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން ހުށައެޅިފައިވާ ބިލެކެވެ.

ސަރުކާރުން ބުނި ގޮތުގައި މިބިލުން ފަރުދުންގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް، މުޖުތަމައު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުމާއި ގައުމުގެ އަމަންއަމާންކަން ދަމަހައްޓައި، މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދޭނެއެވެ.

މި މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، އިންތިޤާލީ އިންޞާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ޤާއިމުކޮށް، އެ އޮފީހާއި 7 މަސްއޫލިއްޔަތުތައް މަތިކުރުމަށް އެ ބިލުގައި ކަނޑައަޅާފައިވެއެވެ.

އޭގެތެރޭގައި ހިމެނޭ ކަންކަމަކީ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ޙަޤީޤަތާ ހަމައަށް ވާޞިލުވުމާއި ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ ޢަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަތުމެވެ.

މީގެ އިތުރުން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގަނެފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވުމާއި އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް އަދި މަދަނީ ދަޢުވާ އުފުލުމަށްޓަކައި ބަންޑާރަނައިބަށް ފޮނުވުމުގެ ބާރު ބިލުން ދީފައިވެއެވެ.

އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ބަދަލުހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުމާއި ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިޞްލާޙުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ވެސް ބިލްގައި ހިމަނާފައި ވެއެވެ.

އަދި ކުރިއަށް އޮތް ތާނގައި، އެފަދަ ޢަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، ކަމާގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކުރުން ވެސް ބިލްގައި ހިމަނާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަދާލަތު

  1968ން ފެއްޓެވީމައިނޫނީ، ތިޔައީ އިންސާފުވެރި ބިލަކަށް ނުވާނެ. 1975ން، 1978ށް، 1985ން، 1986 އަށް، އަދި 2011ވަނަ އަހަރުގެ މާރޗް 01ންފެށިގެން އަޅުގަނޑަކީވެސް އިންސާނިއްޔަތާއި، ޤާނޫނާއި ޚިލާފަށް ވަރަށްބޮޑު އަނިޔާއެއް، 2018 ނޮވެމްބަރާއި ހަމަށް ލިބިފައިވާ ދިވެހިރައްޔިތެކެވެ.
  އަޅުގަނޑުގެ ޙައްޤު ކޮބައިތޯއެވެ. ތިޔަބިލަކީ، ހަމައެކެނި ވަކި ޕާރޓީއަކަށް އަމާޒުކޮށްގެން ހުށަހެޅިފައިވާ ބިލެއްކަމުގައި ފެނޭ.

 2. ޔަގީން

  ގައުމުގައި ހުޅުޖެހި މައްސަލަ ފިޔަވައި އެހެން ހުރިހާ މައްސަލައެއް އެވެރިން ބަލާނެ.

 3. ރަނާ

  1968 ކުން 2011 އަށް ބަލަންޖެހޭ، އެހެން ނޫނީ ތީ ސައްޙަ ބިލެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ.
  ކިހިނެއް ހަދާންތަ ތި އުޅެނީ. ޗަކޮއި.