ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްފި ނަމަ، ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރިދާނެ ކަމަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން ވިދާޅުވި ކަމަށް ބުނެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ އޭނާ ދެއްކި ވާހަކަ އޮޅުން އަރާގޮތަށް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެއެވެ.

ޝިޔާން ފޭސްބުކްގައި ވިދާޅުވީ ޚަބަރުގެ ސުރުހީ އޮތީ ވަރަށް ބޮޑަށް އޮޅުން އަރާ ގޮތަށް ކަމަށެވެ.

"ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް، ހެޑްލައިން ޖަހާފައި އޮތް ކަމަށް ފާހަަގަވޭ. ޕަބްލިކް ހޫނު ކުރުމަށް ވުރެ ކަން އޮޅުން ފިލުވައިދިނުން އެއީ މިވަގުތު ނޫސްވެރިން ވެސް އަދި އަޅުގަނޑުމެންވެސް ކުރަން ޖެހޭނެ މަސައްކަތް،." ޝިޔާން ވިދާޅުވިއެވެ.

 

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވީ ނޮވެލްކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އެހެން ގޮތަކަށް ރައްޔިތުންނަށް ވިސްނައި ދިނުމަށް އެބަ މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ވަރަށް ދެރަކޮށް ހިނގާ ހިތާމަ ހުރި ކަމެއް ކަމަށެވެ.

އާއްމު ރޯގާތަކަށް ވުރެ ކޮވިޑް-19 ނުރައްކާތެރިވި ނަމަވެސް، ދަތުރުފަތުރު ހުއްޓުވައި ރާއްޖެ ހުއްޓުމަކަށް ނުގެނުވޭނެ ކަމަށާއި އިންތިޚާބު ފަސްކުރުމަކީ ހައްލު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބު ފަސްކޮށްފި ނަމަ، މިހާުރު ތިބި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބި މަޝްރޫއުތައް ހިންގުމަށް ވެސް ދަތިވެދާނެ ކަމަށް ޝިޔާން ވިދާޅުވިއެވެ.

"އިންތިޚާބު ފަސް ކުރުމަކީ އޭގެ ސަބަބުން، މުޅި ގައުމަށް އޭގެ ނުރައްކާތެރިކަން ކުރިމަތިވާނެ ކަމެއް. މި ބަލިމަޑުކަން އިތުރަށް ފެތުރެން ދިމާވާނެ ކަމެއް އޭގެ ސަބަބުން." ޝިޔާން ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ހަ މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ އިރު ލޯކަލް ކައުންސިލް އިންތިޚާބު ފަސް ކުރުމާ މެދުގައި އެންމެ ފަހު ބަސް ބުނާނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ސަރުކާރާއި ސިޔާސީ ޕާޓީތަކުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މަޖިލީހުގައި ގިނަ އެމްޑީޕީ މެމްބަރުން ވަނީ އިންތިޚާބު ފަސްކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަހްމަދު

    މިމީސް މީހުންނަކީ މަޖްލީހްގައި ކޮސްގޮވާ މީހުން! ތިމާއަށް ނެނގޭ ވާހަކަ ދެއްކުމަކީ ކޮސްގޮވުން. އެހެން ނޫނީ އެއީ ރޯނު އެދުރުން

    24
  2. ނަސްރު

    މިވަގުތު މުހިންމީ މިބަލިން މިޤައުމު ސަލާމަތް ކުރެވޭނެ ގޮތެއް ހޯދުން، ކައުންސިލަރުންގެ ޖީބަށް ބަރު ކުރުމުއް ނޫން، މިއަދު މިއޮތީ ކުއްލި ހާލަތަށް އިއުލާނު ކުރަންވީ ވަގުތު އައިސްފަ.
    މަޖިލީހުގަ އުޅޭތަ ބޯ ހަމަ ޖެހޭ މީހެއް

  3. ސިކަންދަރު

    އޮޅުން އެރިޔަސް ނޭރިޔަސް އެވައިރަހުގެ ބިރުވެރި ކަން ހުރިވަރު އެބަ އެނގޭ އިޓަލީ ވިލާތް ބޮޑުވަޒީރު އެއެޅުއްވިފިޔަ ވަޅުން މުޅި އިޓަލީވިލާތުގެ އެންމެން ކަރަންޓީނުއެކުރީ ކޮންމެހެން ބޭނުމެއް ނެތިޔްޔާ ގޭން ބޭރައް ނުދާށޭ ދެން މިޙަބަރު ސެންސަރު ކުރިޔަސް މިއަދު ގޫގުލްބެ ކައިރީގައި އަހާލާއިރައް ތަފްސީލް ގެނެސްދޭނެ ދެން ގޫގުލްބެ ކުއްވެރި ކުރަންވީތޯ މިއަދު މީސްމީޑިޔާއެއް ނުހިފެއްޓޭނެ މީ 40ގެ އަހަރުތަކެއްނޫން ކިތަންމެ ފޭސް ބުކްވިޔަކަސް

  4. މާމީ

    ފަޅޯތއް މިހާރު ފާވެގެން ގޮއްސި ކޮންދުވަހަކުތޯ ރަޝީއާ އަށް އެކްސްޕޯރޓު ކުރަން ފަށަނީ ؟؟؟؟؟؟؟؟ ތިބޭފުޅުން އަބަދު ފޮނިދޯކަނޑަނީ؟؟؟؟؟

  5. ޗާލު

    އިސީ ޝަރީފަކަށް ނޭނގޭނެ ފަސްކުރުމާއި ނުކުރުމާއިމެދު ގޮތެއް ނިންމަން. ތިކަން އެނގޭނީ ދައުލަތުގެ ވެރިޔާ މަޖްލިހުގެ ރައީސް ބޮޑުވަޒީރު މުޙައްމަދު ނަޝީދަށް. އޭނަ ބުނާ ގޮތަކަށް ނިމޭނީ. އެގޮތަކާއި އިބޫ ކިޔާ ރަމްޒީ ރައީސްވެސް ޖެހޭނީ ގަބޫލުކުރަން.
    މީގެ އެތައް އަހަރު ތަކުގެ ކުރިންވެސް ރައްޔިތުންގެ މަޖްލިސް ހިނގަމުންއައި. މިހިންގާ ޒާތަކަށް މިކަމެއް ނުކުރޭ. މުޅި ދައުލަތް ހިންގަނީ މަޖްލިހުގެ ރައީސް. ސަޅި ޑިމޮކްރަސީއެއް.

  6. ތެދުބަސް

    ޝިޔާން ދެއްކި ވާހަކަ ޚަބަރުގެ ގޮތުގައި އޮޅޭ ގޮތަށް ދެއްކިޔޭ ބުންޏަސް މިހާރު އޮޅުވައެއް ނުލެވޭނެ.ބުނިއެއްޗެއް ބުނިގޮތަށް ވީޑިއޯ ހުންނާނެ އަދި މިއަދުގެ މަޖުލިސް އެއކޮށް ރެކޯޑް ކުރާނެ މީހުންވެސް ތިބޭނެ.އެހެންވީމަ މިހާރު އޮޅުވައެއް ނުލެވޭނެ.