ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރެވެން އޮތް ނަމަ، އެކަން ކުރުމަށް ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް މިއަދު ރައްޔިތުންގެ މަޖިލިހުގައި ގޮވާލައްވައިފިއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ހަޔަކަށް އަރާފައިވާ އިރު، އެ ބަލި ފެނިފައިވަނީ ބިދޭސީންގެ ގައިންނެވެ. މި ބަލި ރާއްޖެ އިން ފެނުމާ ގުޅިގެން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާން ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އިރުޝާދު ދޭން ފަށައިފައެވެ.

އަދި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ބައެއް މީހުން ވަނީ ގޮވާލައިފައެވެ. އެކަމަކު، އިންތިހާބު ފަސް ކުރުމާ މެދުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދި އެއްވެސް މަޝްވަރާއެއް ނުކުރެއެވެ.

ރައްޔިތުންގެ މަޖިލިހުގައި ނަސީމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ކުރެވޭ ވަރު ކަމަކަށްވާ ނަމަ، މިހާރު އިންތިހާބު ބާއްވަން އޮތް ތާރީހަށް ވުރެ އަވަސް ކުރެވިއްޖެ ނަމަ، މާ ރަނގަޅު ވާނެ ކަމަށެވެ. އެއީ ގިނަ ކައުންސިލްތަކުގައި ތިއްބެވީ ޝައުގުވެރިކަން ގެއްލިފައި ތިބި ކައުންސިލަރުން ކަމަށް ވިދާޅުވިއެވެ.

"އަދި އަމުދުން ރާއްޖެ ބޮޑު ބަލިމަޑުކަމަކަށް ގޮސް، ފަރުދީ ޒިންމާ އާއި މިފަދަ ޒިންމާތައް ނެގުން ވަރަށް ބޮޑަށް މުހިންމުވެފައިވާ ވަގުތެއްގައި ޝައުގުވެރިކަން ނެތް ކައުންސިލަރުން ތިއްބަވައިފި ނަމަ، އެފަދަ ކަމެއްގައި އެ ރަށްރަށުން އެކުލަވާލެވޭ ޓާސްކްފޯސްތަކަށް ލިބެން ޖެހޭ އެއްބާރުލުން ނުލިބުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށްވާތީ އާ ޓީމެއް ހަދައި ކައުންސިލް ހޮވައި އަދި އަންހެނުން ވެސް ހިމެނޭ ގޮތަށް ކައުންސިލްތައް ހަދައިފި ނަމަ، ވަރަށް ފަސޭހަ ވާނެ އަންހެން، ފިރިހެން މީހުންނަށް އެހީތެރިވުމުގައި މިފަދަ ހާލަތަކަށް ގައުމު ދާއިރު،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ކައުންސިލްތަކަށް އާ މެމްބަރުން ހޮވާފައި، އާ ރޫހަކާ އެކީގައި ދިވެހިންނަށް ދިމާވެފައި އޮތް ބަލިމަޑުކަމަށް "އެޓެންޑް" ވާން ވިސްނަން ޖެހޭ ކަމަށެވެ. އަދި އަންހެނުންގެ ކޮމިޓީގެ އިންތިހާބު ވެސް އޮތުމާ އެކީގައި މިކަމުގެ ތެރޭގައި ބައިވަރު މީހުން އުޅޭނެ ކަމަށް ލަފާ ކުރެވޭތީ އިންތިހާބު މިހާރު އޮތް ތާރީހަށް ބޭއްވުން ވަރަށް މުހިންމު ކަމަށް ނަސީމް ވިދާޅުވިއެވެ.

އަދި އަވަސް ކުރެވޭ ނަމަ، އިންތިހާބު އަވަސް ކުރުން ވެސް މުހިންމު ކަމަށް ނަސީމް ވިދާޅުވިއެވެ.

"މިހާރު ތިއްބެވި ކައުންސިލަރުންގެ ޝައުގުވެރިކަން ނެތުމުގެ ސަބަބުން މިކަމުގެ ގެއްލުން ދިވެހި ދައުލަތަށް ވަރަށް ބޮޑަށް ކުރިމަތިވަމުން އެބަދޭ،" ނަސީމް ވިދާޅުވިއެވެ.

ނަސީމްގެ ވާހަކަތަކަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ތާއީދު ކުރައްވައިފައެވެ.

އީވާ ވިދާޅުވީ ރަށު ތެރޭގައި އެކިއެކި ނިންމުންތައް ނިންމުމުގައި ކައުންސިލްގެ ދައުރު މިވަގުތު މުހިންމު ކަމަށެވެ. އަދި އަލަށް އިންތިހާބު ކުރާ ކައުންސިލްތަކުގައި 33 ޕަސަންޓު އަންހެނުން ތިބޭ އިރު، ކޮރޯނާ ވައިރަހާ ގުޅިގެން ކަންކަން ނިންމުމުގައި އަންހެނުންގެ ބަހެއް ވެސް އޮންނާނެ ކަމަށް އީވާ ވިދާޅުވިއެވެ.

"އިންސާނީ ނަޒަރަކުން ބަލާއިރު، އަންހެނުންގެ ބަހެއް ހޯދުމަކީ ލާޒިމް ކަމެއް،" އީވާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ރައްޔިތުންނަށް ކޮރޯނާ ޖައްސާފަވެސް އިންތިހާބު ބެއްވޭތޯ ބަލާ.. މިއީ ހަމަ އަނިޔާވެރި ސަރުކާރެއްގެ އަނިޔާވެރި މެމްބަރުންތަކެއް. އަމިއްލަ އެދުމުން ފުރިފަ.

    34
    6
  2. ގުއި

    ލާދީނީ ސަރުކާރުގެ ރަހުމްކުޑަ އަނިޔާވެރި މެމްބަރުންނައް ސާބަސް...ކުޑަމިނުން އަމިއްލަ ނަފުސާ ތިމާގެ އާއިލާ ދެކެވެސް ކުޑަވެސް ރަހުމެއް ނެތްބަޔެއް މީ...އާންމު ރައްޔިތުންދެކެ ކޮންލޯތްބެއް ވާނީ...ރަހުމުގެ ކަންފުޅެއްވެސް ނުހުނާނެ....އިންތިހާބު ލަސްކުރޭ...ރައްޔިތުންގެ ހައްގުގަ ވަކާލާތު ކުރަން ތިބި ބަޔަކު ރައްޔިޔުންނައް ތިގޮތައް އަނިޔާވެރިވުމުން ގިޔާމަތްދުވަހު ސުވާލު ކުރެވޭނެކަން ޖަވާބު ދާރީ ވާންޖެހޭނެކަން ހަދާން ނައްތާނުލާ....

    7
    3
  3. އަފީ

    ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރުމަކީ ރައްޔިތުންނަށް މިކަމުގެ ފައިދާ ބޮޑުވާނެކަމެއް!

  4. ނައީމް

    ގޭގަ ތިބެގެން ވޯޓްލެވޭނެ އިންތިޒާމް ހަމަޖެހޭނެ ފޯކަލްއިން ގެއަށް ދާނެ ފޮށިހިފައިގެން މަޑުކޮއްލާ އެމްޑީޕީ އަށް މިފަހަރު ވޯޓްނުދޭތި 3ނެތި ނުދޭތި 3ނެތި ދޭވަރެއް ނުވޭ ވެރިކަންލިބުނުފަހުން ނަތީޖާ އަށް ބަލާފަ ރަތްޔިތުންނޭ ވިސްނާ