ގާނޫނީ ރޮނގުން ދަސްވެނިވެ، ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބޭނުންވާ ތަމްރީނު ފުރިހަމަކުރުމުގެ އިންތިޒާމް މިއަދުން ފެށިގެން އެޓާނީ ޖެނެރަލްގެ އޮފީހުގައި ހަމަޖެހިފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވަނީ ކީލުކަމުގެ ލައިސެންސް ލިބެނީ އެއް އަހަރު ދުވަހުގެ ތަމްރީނެއް އަދި ބާ އިމްތިހާނެއް ފުރިހަމަ ކުރުމުން ކަމަށެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ޓްރެއިނީ ވަކީލުންނަށް ބޭނުންވާ ތަމްރީނާއި ސަޕޯޓު އަދި އެހެނިހެން އެހީތައް އޭޖީ އޮފީހުން ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުގައި، ވަކީލުކަމުގެ ހުއްދަ ދެވޭނީ ގާނޫނީ ވަކީލުކަން ކިޔެވުމަށް ފަހު، ބާ ކައުންސިލުން ހުއްދަ ކުރާ ތަނެއްގައި އެއް އަހަރު ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރުމުންނެވެ. އަދި އެ ތަމްރީނަށް ފަހު ވެސް ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ކުރިން ބާ ކައުންސިލުން ދޭ އިމްތިހާނެއްގައި އިށީންދެ ފާސްވާން ޖެހެއެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވާ ތަމްރީނުގެ ފުރުސަތު ނެތުމުން ގާނޫނީ ވަކީލުކަމުގެ ރޮނގުން ދަސްވެނިވެ ދަރިވަރުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ގާނޫނުގައި އެެހެން ބުނެފައި އޮތުމުން 389 ފަރާތުގެ ސޮޔާ އެކު ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް ވަނީ ހުށަހަޅައިފައެވެ. އެ ޕެޓިޝަންގައި ގިނަ ދަރިވަރުންނަކީ ވަޒީފާގައި އުޅޭ ދަރިވަރުންނަށް ވުމާއިއެކު ވަޒީފާގައި އުޅެމުން ގާނޫނުގައިވާ ތަމްރީނު ފުރިހަމަކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށާއި އަދި ވަޒީފާ ދޫކޮށްލުމަކީ ދަރިވަރުންނަށް އެތައް ގޮތަކުން ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ލިބިގެންދާނެކަމެއްކަން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން އެއް އަހަރު ދުވަހުގެ ތަމްރީނު ފުރިހަމަ ކުރުމަށް ކިޔަވައި ނިންމައި އިތުރު އަހަރެއް މަޑުކުރުމަކީ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ނިންމި އިރު އެއްވެސް ވަރަކަށް ދަރިވަރުންގެ ހިޔާލަށް ގެނެވުނު ކަމެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.