ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ގާއިމްކޮށްފައިވާ ވިލިވަރުގައި ވެސް މީހުން ކަރަންޓީން ކޮށްފައިވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ ތަރުޖަމާން މަބްރޫކް އަޒީރު ވިދާޅުވީ އެރަށުގައި 9 މީހަކު ކަރަންޓީން ކޮށްފައިވާނެ ކަމަށެވެ.

ވިލިވަރާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެކުރިން ވިދާޅުވެފައި ވަނީ، ވިލިވަރުގައި ކަރަންޓީން ފެސިލިޓީ ގާއިމް ކޮށްދިނީ ފެނަކަ ކޯޕަރޭޝަންއާ އެމްޑަބްލިއުއެސްސީ އަދި އެސްޓީއޯ ގުޅިގެން ކަމަށެވެ. އެ މަސައްކަތް ކުރީ ޓޫރިޒަމް ޓްރަސްޓް ފަންޑުން ހަރަދުކޮށްގެންނެވެ. ވިލިވަރުގައި 30 ކޮޓަރި ހިމެނޭއިރު، އެ ތަނުގައި ވޯޑުތައް ހަދަން ޖެހިއްޖެ ކަމުގައިވާ ނަމަ އެކަމަށް ބޭނުންވާ ޖާގަތައް ވެސް ހުންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެރަށުގައި ކަރަންޓީން ފެސިލިޓީ ގާއިމްކުރުމަށްޓަކައި އެސްޓީއޯއިން ތަކެތި ނެގި ކަމަށާއި، އެތަނުގެ މަސައްކަތް 10 ދުވަހުގެ ތެރޭގައި ނިންމާލިއިރު، އެތަނުން ކޮންސްޓްރަކްޝަންއަށް ގޮސްފައި ވަނީ 2.1 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް އެކި ގައުމުތަކުގައި ޖެހޭ މީހުން ކަރަންޓީން ކުރުމަށް ތަންތަން ތައްޔާރު ކޮށްފައިވާއިރު، ރާއްޖޭގައި އެފަދަ މީހުން ބަހައްޓަން ތައްޔާރު ކޮށްފައިވާ ވިލިވަރަކީ ދުނިޔޭގައި ހެދި އެންމެ ރީތި ތަން ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވަނީ ވިދާޅުވެފައެވެ.

މި ރަށް ކަރަންޓީން ފެސިލިޓީއަކަށް ތައްޔާރު ކުރުމުގެ ކުރިން، ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔައީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ކަމަށްވާ ފަރުކޮޅުފުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު