ނުރައްކާތެރި ކޮވިޑް-19 ވައިރަސް ރާއްޖެއިން ވެސް ފެނިފައިވާއިރު އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިވާ އެއްވެސް ގައިދީއަކު އަދި ބަންދު މީހަކުވެސް ކޯޓަށް ހާޒިރު ނުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ކޯޓުތަކުން އަންގާފައިވާ ކަމަށް އެ ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ކޮވިޑް19 އަށް ހަ މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ޖަލުތަކުގައި ގައިދީންގެ ރައްކާތެރިކަމާއި ސަމާލަތަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ހުން އައިސް، ކެއްސައި، ކިނބިހި އަޅާ އެއްވެސް އޮފިސަރަކު ގައިދީންނާ ދިމާނުވާނެ ފަދަ އިންތިޒާމު ހަމަޖައްސާފައިވާއިރު ގައިދީއެއް ނުވަތަ ބަންދު މީހެއްގެ ފަރާތުން އެފަދަ އަލާމާތެއް ފެންނަ ހާލަތުގައި އަޅާނެ ފިޔަވަޅުތައް ވެސް ކަނޑައަޅާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. ކަރެކްޝަންސްގެ ބަޔާނުގައި ބުނީ ޖަލަށް ޑިއުޓީ ކުރަން ވަންނަ އޮފިސަރުންގެ ހުން ޗެކް ކުރެވޭނެ އިންތިޒާމްތައް ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެއިތުރުން ހުން އައިސް، ކެއްސައި، ކިނބިހި އަޅާ ގައިދީންނާ ބަންދު މީހުން ކޯޓަށް ހާޒިރުކުރުން މަޑުޖައްސާލުމަށް ކޯޓުތަކުން ކަރެކްޝަންސް އަށް އަންގާފައިވާ ކަމަށްވެސް އެ ސާވިސް އިން ނެރުނު ބަޔާނުގައިވެއެވެ.

ކަރެކްޝަންސް އިން ބުނީ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކަށް އަންނަ މީހެއްގެ ފަރާތުން ރޯގާގެ އެއްވެސް އަސަރެއް ފެނިއްޖެނަމަ، ބައްދަލުވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ އެގޮތަށް ބައްދަލުވުން ކެންސަލްވާ ފަރާތްތަކަށް އޭގެ ބަދަލުގައި ފޯން ކޯލުގެ އިތުރު ފުރުސަތެއް ދިނުމަށް ވަނީ ނިންމައިފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނުން އަންނަނީ މިކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ނެޝަނަލް ޓާސްކް ފޯސް ގުޅިގެން ގައުމީ ފެންވަރުގައި އަޅަން ހަމަޖައްސާފައިވާ އުސޫލުތަކާ އެއްގޮތަށް ގައިދީންނާއި ބަންދުމީހުން އަދި ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތީ އެންމެހާ ކަންތައްތައް ކުރަމުންނެވެ.

ކަރެކްޝަންސް އިން ވަނީ ވައިރަހާ ގުޅިގެން ޖަލުތަކުގައި ސަލާމަތީ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފައެވެ.