ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށް ނިރުބަވެރި (ޓެރަރިޒަމް) ކަމުގެ ދައުވާ އުފުލައިފިއެވެ.

މަހުލޫފްގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާ އުފުލާފައި ވަނީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގަ އެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދައުވާ މަހުލޫފްގެ މައްޗަށް އުފުލާފައިވާއިރު، މާފަުށީ ޖަލުގައި މީހުން މަރުވަނީ ނޫން ކަމަށާއި މީހުން ގަސްދުުގައި މަރަމުން ދަނީ ކަމަށް ބުނެ މަހުލޫފު ކުރި ޓްވީޓަކާއި ގުޅިގެން އޭނާގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ ފެށުމަށް ވަނީ ނިންމާފައެވެ.

އެ މައްސަލައިގައި މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާއެވެ.

މި އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ މާފުށީ ޖަލުގައި ގައިދީންނަށް އެކަށީގެންވާ ބޭސް ފަރުވާ ނުދީ ގަސްދުގައި މަރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެކަމުގައި ކަރެކްޝަންސްގެ ކޮމިޝަނާއާއި އިސްވެރިން ޒިންމާ ނަގަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަހުލޫފު މިހާރު ހުންނެވީ ގޭބަންދުގައެވެ. އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު އެ މައްސަލަތައް ބަލައި ނިމެންދެން އޭނާ ހުންނަން ޖެހޭނީ ގޭ ބަންދުގައެވެ،