މަޑަވެލި ހޯޑެއްދޫ ކޯޒްވޭ އަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އުދަ އެރުމުގެ ސަބަބުން ކޯޒުވޭގައި ހަދާފައިވާ ދެ ޓަނެލު ކައިރީގައި ޖަހާފައި ހުރި ބައެއް ވެލި ބަސްތާތަކާއި ގާތައް ވަނީ ދޫވެގެން ނެއްޓިފައެވެ.

" ވަގުތު" އަށް މައުލޫމާތު ދެއްވަމުން ހޯޑެއްދޫ ކައުންސިލުގެ ރައީސް މުހައްމަދު އަޔާޒު ވިދާޅުވީ ކޯޒުވޭ ހެދުމުގެ މަސައްކަތް މުޅިން އަދި ނުނިމޭ ކަމަށާއި ރޭ ދަންވަރު 12 އިން ފެށިގެން އުދަ އަރަމުންދާ ކަމަށެވެ.

"މިހާރުވެސް ދަނީ އުދަ އަރަމުން. ކޯސްވޭ ހިމެނޭ ސަރަހައްދުގެ ބޮޑު ބައެއް އޮތީ ފެނު އަޑީގަ" އަޔާޒު ވިދާޅުވިއެވެ.

އުދައިގެ އަސަރު ރަށުތެރެއަށް ވެސް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި ރޭ މަޑަވެލި އަދި ހޯޑެއްދޫ ރައްޔިތުން ހޭލައި ތިބެގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރުވައި މޫސުމުގެ ހިކިދިޔަ އޮންނަ ލެވެލްއަށް ކޯޒްވޭ ހެދީމަ ވާނެ ގޮތް މިވަނީ. ރަނގަޅަށް ބެލިފައި ނެތުމުން މާ ތިރިކޮށް ކޯޒްވޭ އެހަދަނީ. ކޯޒުވޭ ހޯޑެއްދޫ އާއި ވީ ދިމާލުން ހަދާފައިވާ ގޮތުން ރަށު ތެރެއަށް ރާޅު ވެސް އެބަ އަރާ" އަޔާޒު ވިދާޅުވިއެވެ.

މަޑަވެލި ހޯޑެއްދޫ ކޯޒުވޭ ހެދުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. މިހަބަރާ ގުޅޭ ގޮތުން އެމްޓީސީސީގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ. އަޔާޒު ވިދާޅުވި ގޮތުގައި ކޯޒުވޭގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ޖޫން މަހުއެވެ.

މަޑަވެލި ހޯޑެއްދޫ ކޯޒުވޭ ހަދަނީ 29 މިލިއަން ރުފިޔާއަށެވެ. އެމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާބެ

    ދިރާސާ ނުކޮށް ދޯ ތިތަން ހެދީ. މު......

  2. ފިއުޗަރ

    އަމާބުނީތީ ފަރައްދާ އުސޫލުން ކަންކަން ކުރީމަ ވާނީ މިހެން. ކޯސްވޭ ހަދަން ޑިޒައިން ކޮށްފަ އޮތްގޮތައްނޫން ކޯޒްވޭ އަޅާފަ ތިއޮތީ! ކޯޒްވޭ އަޅަން ދީފަހުރި ލާރިގަޑު ކާލާފަ ކަމަކަށް ކަމެއް ކުރާއުސޫލުން ކަންތައްކުރީމަ ވާނީތިހެން! މަޑަވެލި ހޯޑެއްދޫ މިދެރަށަކީ ކޮންމެ ސަރުކާރަކުންވެސް އެންމެ އަޅާލުން ކުޑަދެރަށް! މިގޮތައް މިކަންވަނީ ކޮންމެ ބަޔަކަށްވެސް ހެޔޮހިތުން އިޙްތިރާމް ކުރާ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ދެރަށައްވާތީވެ! އަދި ވޯޓުވެސް އެއިރަކު އޮންނަ ސަރުކާރަކައް ދޭނެ! ހެޔޮ ދުވަހަކު ރަށައް ކަމެއް ނުކޮށްދިނަސް! މަޑަވެލި ހޯޑެއްދޫ ކޯޒްވޭ ބްރިޖް އަޅާ ގޮތައް އަޅަން ސަރުކާރައް ގޮވާލަން ވީހާ އަވަހަކަށް! އިންތިޙާބުގެ ކުރިން ނިންމަންވާނެ! އެހެންނޫނީ މިފަހަރު ރައްޔިތުންގެ ވޯޓް ހޯދަން ފަސޭހައެއް ނުވާނެ. ށުކުރިއްޔާ!!

  3. ޝާނީޒް

    ތީ ފަސްޓްލޭޑީ މަޑަވެލި ދާއިރާގެ މެމްބަރު މުޢާޒަށް ހަދައިދޭ ކޯޒްވޭއެއް.

  4. ރާއި

    ބޭކާރު ޚަރަދުތައް ކުރަނީ ތަނެއް ދޮރެއް ބަލާލުމެއްނެތި..މަޑަވެލިން ވޯޓެއް ނުލިބޭނެ މުޢާޒްގެ އަޅުންނެއްނޫން މަޑަވެލީގެ ތިބީކީ.

  5. ރަޓުމީހާ

    މަޑަވެލި ، ހޯޑެއްދޫ. މި އަބަދު ޖެހިފައޮނަ ދެތަން. ހާސަކޮން މަޑެވެލި މީއަރާއޮތްތަނެއް.
    ބޭނުން ވަނީ ވަކިން އެސްޓިއޯ، ވަކިން ހޮސްޕިޓަލް، ވަކިން މިމީސް މީހުން އައް މޮލުގޮތް.