2014 ވަނަ އަހަރު ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހ.ހިލްޓަން، އަޙްމަދު އާލިފް ރައޫފްގެ ކާރެއް ހުޅުމާލެއަށް ގެންދެވުނުކަން ނޭނގޭކަމަށް މިއަދު ކުރިމިނަލް ކޯޓުގައި ދެމީހަކު ހެކިބަސް ދީފިއެވެ.

އާލިފްގެ ރަތް ކުލައިގެ ކާރު ހުޅުމާލެ އަށް ގެންދިޔަ ކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ދެ ހެކިވެރިންގެ ހެކިބަސް ނަގާފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. މިއަދުގެ ޝަރީއަތުގައި ހެކިބަސް ނަގާފައިވަނީ ވިޔަފާރި އުސޫލުން އެއްރަށުން އަނެއް ރަށަށް ކާރު ގެންގޮސްދޭ ފަރާތެއްގެ ހެކިބަހާއި، ކާރު ގެންގޮސްދޭ މީހާގެ ގާތު ދައުލަތުން ބުނާ ކާރު ގެންގޮސްދޭން ބުނި މީހާގެ ހެކިބަހެވެ. މި ދެ ހެކިވެރިންނަކީވެސް މި މައްސަލައިގައި ދައުވާ ލިބޭ ނޫރައްދީންއާއި އާލިފް ކޮންމެވެސް ވަރަކަށް ދަންނަ ދެ މީހުންކަން އެ މީހުންގެ ހެކިބަހުން އެނގެއެވެ.

ވިޔަފާރި އުސޫލުން އެއްރަށުން އަނެއް ރަށަށް ކާރު ގެންގޮސްދޭ މި މީހާ އާއި ދައުލަތުން ސުވާލު ކޮށްފައިވަނީ ވަނަމަކަށް "އައްކޮ" ކިޔާ މީހަކު ދަންނަންތޯ އާއި "އައްކޮ" އޭ ވަނަމުން ކިޔާ މީހާ ބުނެގެން ހުޅުމާލެ އިން މާލެ ކާރެއް ގެންދިޔަތޯއެވެ. ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ އައްކޮ ކިޔާ މީހެއް ދަންނަ ކަމަށާއި، އައްކޮ ބުނެގެން މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެއިން މާލެއަށްވެސް ކާރެއް ގެންގޮސްފައިވާނެ ކަމަށެވެ. ނަމަވެސް އެބުނާ ކާރު ގެންދިޔައީ ސީދާ ކޮން ތާރީޚެއްގައި ކަމެއް އަދި އެއީ ކޮން ކުލައެއްގެ ކާރެއް ކަމެއްވެސް ނޭނގޭކަމަށް ހެކިވެރިޔާ މިއަދު ކޯޓުގައި ބުނެފައިވެއެވެ.

ކާރު ގެންގޮސްދިން މީހާ ހެކިބަސް ދެމުން އިތުރަށް ބުނެފައިވަނީ، ނޫރައްދީން ތަންކޮޅެއް ކުރިން ރީނދޫ ކުލައިގެ ކާރެއް ގެންގުޅުނުކަން އެނގޭ ކަމަށާއި، ފަހުން ނޫރައްދީން އެހެން މީހެއްގެ ކާރެއް ދުއްވިކަންވެސް އެނގިފައި ނުވާކަމަށެވެ.

މިއަދުގެ ޝަރީއަތުގެ އަޑު އެހުމަށް ވެއްދި ދެ ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، މިއަދުގެ އަޑުއެހުމުގައި ދެވަނައަށް ހެކިބަސް ނަގާފައިވަނީ ވިޔަފާރި އުޞޫލުން ކާރު ގެންގޮސްދިން މީހާ (ފުރަތަމަ ހެކިބަސް ދިން މީހާ) ގާތު ކާރެއް މާލެއިން ހުޅުމާލެއަށް ގެންގޮސްދޭން ބުނިކަމަށް ދައުލަތުން ބުނާ ވަނަމަކަށް "އައްކޮ" ކިޔާ މީހާގެއެވެ. "އައްކޮ" ހެކިބަސް ދެމުން ބުނެފައިވަނީ، ނޫރައްދީން އަދި އާލިފް އާއި ދެމީހުންނާވެސް މާ ގާތް ރަހްމްތެރިކަމެއް ނެތް ނަމަވެސް ދެ މީހުންވެސް ދަންނަ ކަމަށާއި، އާލިފް ކާރެއް ގެންގުޅޭކަންވެސް ނޭނގޭ ކަމަށެވެ.

ހުޅުމާލެ އަށް ގެންދިޔައީ އާލިފްގެ ކާރެއްކަން ޔަގީން ކަމާއެކު މިއަދު ހެކިބަސް ދިން މެ މީހުންގެ ތެރެއިން އެކަކަށްވެސް ބުނެދެވިފައި ނުވާއިރު، މާދަމާ ހެނދުނު 09:30 ގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ މި މައްސަލައިގެ އަޑު އެހުމުގައި އޮންނާނީ، ދައުލަތުން ހުށަހަޅާ ހެއްކެއްގެ ހެކިބަސް ނެގުމެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން އެބުނާ ކާރު މާލެ އިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ގެންދިޔަ ދޯނީގެ ކައްޕިންގެ ހެކިބަސް ނަގާފައިވާއިރު، އެއިން އެއްވެސް މީހަކަށް އެއީ އާލިފްގެ ކާރެއްކަން އެނގޭކަމަށް ބުނެފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން 29 ހެއްކެއް އަދި މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ފަރާތުން ދިފާއުގައި ފަސް މީހެއްގެ ނަން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހެކިބަސް ވަނީ ނަގާ ނިމިފައެވެ. މި މައްސަލައިގެ ޝަރީއަތް ބާރު ސްޕީޑްގައި މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް އެ ކޯޓުން ވައްދާފައިވަނީ އެންމެ ދެ ނޫސްވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެނގޭތަ

    އަލްހަމްދުﷲ

  2. ވގ

    އަދިއަވަހީ ސަރިއަތްތައް ކުރިޔައްދާލެއް އެކަހަލަ ކަމެއްވިއްޔާ ހަނދާންނެތޭހާދުވަހުން ކުުޔައްގެންދަނީ