ކައުންސިލް އިންތިޚާބު ލަސްކުރުމަށް މިހާތަނަށް އައިއިރު، އެއްވެސް ފަރާތަކުން މަޝްވަރާކޮށްފައި ނުވާ ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަދި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް މިއަދު ވިދާޅުވެއްޖެއެެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ މައި ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ވިދާޅުވީ މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ވެސް އަދި އެހެން ފަރާތަކުން ވެސް އިންތިޚާބު ލަސްވެދާނެ ކަމުގެ އިޝާރާތެއް ނުކުރައްވާ ކަމަށެވެ.

ނަމަވެސް އިންތިޚާބު ލަސްކުރަން ޖެހޭ ފަދަ ހާލަތަކަށް ކަންކަން ގޮސްފި ނަމަ އެކަމާމެދު އެމްޑީޕީން ގޮތެއް ނިންމާނީ އެމްޑީޕީގެ އެތެރޭގައި މަޝްވަރާކޮށްގެން ކަމަށް އަފްޝަން ވިދާޅުވިއެވެ.

"އިންތިޚާބު ކުރިއަށް އޮންނަ ކަމަށް މައުލޫމާތު ލިބިފައިވޭ. އެކަމަށް ބަދަލެއް ނާދޭ." އަފްޝަން ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުން އެމްޑީޕީން ހުއްޓާ ނުލި ނަމަވެސް، އާންމުން އެއްކޮށްގެން ހިންގާ ހަރަކާތްތަކާއި އާންމުންނާއި ބައްދަލުކޮށްގެން ހިންގާ ހަރަކާތްތައް ހުއްޓާލައި މީސްމީޑިއާ މެދުވެރިކޮށް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަން އެމްޑީޕީން ވަނީ ނިންމައިފައެވެ.

އެގޮތުން ޕޯސްޓަރު ހަރުކުރުމާއި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް މަޑު ޖައްސާލައި ފޯނުން ގުޅައިގެންނާއި ސްކައިޕް ކޯލް މެދުވެރިކޮށް ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާ އިރު، އެމްޑީޕީގެ ފަރާތުން ކޮވިޑް-19 އާ ގުޅިގެން ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެމުންދާނެ ކަމަށެވެ.

މީގެ އިތުރުން މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުން ކުރާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީން ކެމްޕެއިން އަމާޒު ކުރާ އެކި އުމުރު ފުރާތަކުގެ މީހުން ތިބުމާއެކު، މީސްމީޑިއާ މެދުވެރިކޮށް ކެމްޕެއިން ކުރި ކަމުގައިވީ ނަމަވެސް އެމްޑީޕީގެ ކެމްޕެއިންގެ މަގްސަދު ފުރިހަމަ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރުވެފައި ވަނިކޮށް ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން އިންތިޚާބު ލަސްކުރުމަށް ބައެއް އާއްމުން ދަނީ ގޮވާލަމުންނެވެ.

އަދި އާންމުން އެއްވާ ހަރަކާތްތައް ނުބާއްވަން އެޗްޕީއޭއިން އިލްތިމާސްކުރާ އިރު، އިންތިޚާބު ބޭއްވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އާންމުން ބުނަމުން ދިޔަ ނަމަވެސް، އިންތިޚާބު ލަސްކުރަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށާއި އެފަދަ ހާލަތެއް އައިސްފިނަމަ އިންތިޚާބު ފަސްކުރާނެ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.

ކައުންސިލް އިންތިޚާބު ލަސްކޮށްފި ނަމަ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވުމުން ގާނޫނީ ހުސްކަމަކަށް ދާނެތީ އިންތިޚާބު ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ލަސް ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    7000 ފްލެޓް ލިސްޓާއެކު ނެރުނު 2500 ފްލެޓަކީ މިއީދޯ. އެލިސްޓުގައި ހިމެނޭ ރައްޔިތުން އިހްތިޖާޖު ކުރަންފަށަންވީ. ހާދަހާ މަކަރަކާ އޮޅުވާލުމެއް އޮޅުވާލާ ނުލަފާ މައްކާރު ސަރުކާރެކޭދޯ މިއީ.

  2. އެންދެރި

    ކޯޓައް މައްސަލަ ލާން ވީ އެވެ.

  3. އަހަރެން

    އަހަރެން މީގެކުރިން އަޑުއަހަނީ އީސީ އަކީ މިނިވަން މުއައްސަސާ އެކޭ ބުނާއަޑު. މިއަދު މިއެނގުނީ މިތަންތަނަކީ އެއިރެއްގެ ވެރިކަން ކުޜާ ބައެއް ބޭނުންގޮތަކަށް ނަޒާހަތްތެރި ކަމާއެކު މޮޑޭ މުއައްސަސާތަކެއް ކަން.