ގދ. ތިނަދޫ އާއި އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައި ހުރި ހައުސިން ޔުނިޓ ސަރަހައްދުގެ ލޭންޑްސްކޭޕިން އަދި މަގުބައްތި ޖެހުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީ ބުނީ ތިނަދޫ ހައުސިން ޔުނިޓްގެ ލޭންޑް ސްކޭޕިން މަސައްކަތަކީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި ހިތަދޫގެ މަސައްކަތަކީ 180 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާ ގޮތަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

މި ދެ މަސައްކަތް މަޑުޖެހުނީ މިދިޔަ އަހަރުގެ ބަޖެޓުގައި މަޝްރޫއު ހިމެނިފައި ނެތުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މިއީ ޖަޒީރާވަންތަ ގޮތަކަށް ޑިޒައިންކޮށްފައިވާ މަޝްރޫއެކެވެ. އެގޮތުން ޕާކްވޭއެއް އެކުލަވާލުމާއި ގަސް އިންދާނެ ސަރަހައްދެއްގެ އިތުރުން ޑްރެއިން ސިސްޓަމް އަދި ބޭރަށް ނުކުމެލާ އުޅެވޭނެ ޕާކެއް ގާއިމު ކުރަން ވަނީ ހިމަނައިފައެވެ.

މި ބައްދަލުވުމުގައި ތިނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް މުޢުނީ ވިދާޅުވީ މި މަސައްކަތަކީ އެ ދާއިރާގެ ރައްޔިތުން ވަރަށް އިންތިޒާރު ކުރަމުން އައި އަދި ވަރަށް ބޭނުން ޖެހިފައި ތިބި މަސައްކަތެއް ކަމަށާއި އަވަސް މުސްތަގުބަލެއްގައި މި މަސައްކަތް ނިމިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހިތަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ލޭންޑް ސްކޭޕިން މަސައްކަތަކީ ވަރަށް ގިނަ މީހުން ބޭނުންވެފައި ތިބި ކަމެއް ކަމަށެވެ. މި މަސައްކަތް ދީފައިވާ މުއްދަތަށް ވުރެ ކުރިން ނިންމާލެވޭނެ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތުއްތުދީދި

    ކަޑަ ޖެހުން ކަމަކަށްތިއޮތީ، ކޮންމެ ކަޑައަކީ މިލިއަނުން ގުނާލެވޭ ޕްރޮޖެކްޓެއް!އެޖެންޑާ 19 ގެދަށުން ކޮވިޑް 19 އާއި ހަމަލާދޭން ކަޑަޖަހާބަލަ!

  2. އިބްރާހިމް ފުޅު

    އަނެއްކާ އަނެއް ހަކަންތައް "ރޯޑް" ކޯޕަރޭޝަން ކުރިންވެސް މި ފަދަ އެތައްކަމެއް ހަވާލުވި އެކޯޕަރޭޝަން ގާދޫކޮލުން އޮޔާގޮސް ނިމިއްޖެ. މީވެސް ނަންބަދަލުކޮށްލާފައިވާ ކޯޕަރޭޝަނެއް މިކަންކަން އާއްމު ކޮށް ބިޑަށްލުން ރަނގަޅުކަމަށްފެނެއެވެ

  3. ޢަލީ

    މި ޕާޓީކުދިންނަށް ދޭންވެގެން ކުރާކަމެއް، މިއަށްވުރެ ޚަރަދުކުޑަވީސް އޯޕަން ބިޑަކަށް ދިޔަނަމަ، އެކަމަކު ޕާޓީމީހަކަށް ކަމެއް ކޮށްދޭންވެގެންކުރާކަމެއް