ބައިނަލްއަޤްވާމީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ ރޮހިންޔާ މުސްލިމުންގެ މައްސަލައަށް ތަދައްޚުލްވާން ދިވެހިރާއްޖެއިން ނިންމި ނިންމުމަށް، އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ)އިން މަރުޙަބާ ކިޔައިފިއެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމަށް، މިމައްސަލަ އދގެ ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ދަ ގެމްބިއާއިންނެވެ. އަދި މިމައްސަލައިގައި ގެމްބިއާއާއެކު މަސައްކަތްކުރުމަށް ރާއްޖެއިން ހުށަހަޅާނެކަން އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ކުރިއަށްދިޔަ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

ޖެނީވާގައި ކުރިއަށްދިޔަ ސެކްރެޓަރީ ޖެނެރަލްސް އޯރަލް އަޕްޑޭޓްސްގައި ރޮހިންޔާ މުސްލިމުންގެ މައްސަލައިގައި އދއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޝްވަރާގައި އޯ.އައި.ސީގެ ފަރާތުން ރާއްޖެއަށް މަރުޙަބާ ކިޔާފައިވަނީ ޕާކިސްތާނުން އިއްވި ސްޓޭޓްމަންޓްގައެވެ. މިއީ ރާއްޖޭގެ ނިންމުމަކަށް އޯ.އައި.ސީ އިން މަރުޙަބާ ކީ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ނިންމުމަށް، އޯ.އައި.ސީގެ ފަރާތުން މަރުޙަބާ ކިޔަމުން ޕާކިސްތާނުން ބުނީ މިއީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ ޙާލަތަކީ މިވަގުތު އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް އޯ.އައި.ސީއިން ދެކެއެވެ. 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ ބައްދަލުވުމުގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ހައްޤުތައް ނިގުޅައިގަތުމަށް ކުރެވޭ ކަންކަން ބެލުމަށް ވަޒީރުންގެ ފެންވަރުގެ ކޮމިޓީއެއް ހެދުމަށް ފާސްކުރެވުނެވެ.

މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަން ހަވާލުކުރީ ދަ ގެމްބިއާ އާއެވެ. އަދި 2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ ބައްދަލުވުމުގައި، ރޮހިންޔާ މުސްލިމުންގެ ހައްޤުތައް ހޯދުމަށް ބައިނަލްއަޤްވާމީ ކޯޓަށް މައްސަލަ ހުށަހެޅުމަށް މެމްބަރު ހުރިހާ ޤައުމަކުން އެއްބަސްވިއެވެ. އަދި 2019 ވަނަ އަހަރު ސައޫދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވި އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދީ، ހައްޤުތަކަށް އަރައިގަތް މީހުންނަށް އަދަބު ދިނުމަށް ބައިނަލްއަޤްވާމީ ކޯޓަށް އޯ.އައި.ސީގެ ފަރާތުން މައްސަލަ ހުށަހެޅުމުގެ ހުއްދަ ދަ ގެމްބިއާ އަށް ދިނެވެ.

ރޮހިންޔާ މުސްލިމުންގެ ހައްޤުތައް ހިމާޔަތްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އައި.ސީ.ޖޭ އިން މިޔަންމާ ސަރުކާރަށް އަންގާފައިވާ މި ދަނޑިވަޅުގައި، މިމައްސަލައަށް ތަދައްޚުލްވާން ދިވެހިރާއްޖެއިން ނިންމި ނިންމުމަށް، އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ އޯއައިސީގެ 57 ޤައުމު ހިމެނޭ ގޮތަށް، އިސްލާމީ އުއްމަތުން ވަނީ މަރުޙަވާ ކިޔާފައެވެ. އަދި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި، އެމީހުންގެ ހައްޤުތައް ހޯދުމަށް މަސައްކަތްކުރާ ގިނަ ޖަމްއިއްޔާ ތަކަކުން ވަނީ އެކަމަށް މަރުޙަބާ ކިޔައި، ދިވެހިރާއްޖެއަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މުސްލިމުންނަށް ހެޔޮ އެދިގެން ކުރިކަމެއް ނޫން

    5
    2
  2. މަބޭ

    މިކަމުގެފަހަތުގައި ފޮރުވިފަވާކަންތައްތައް އޯއައިސީއަކައް އަދިނޭންގެ

    4
    1
  3. ރިޒާ

    މީ ބާރަށު ސުޖާއު ނިންމާފައި ވާ ނިންމުމެއް

  4. ކެނެރީގެ ވަގު

    މަރުހަބާ ކީއިރު މީނަގެ ދަތުރު ޚަރަދަށް އެތައް ލައްކައެއް ޚަރަދުގެ ނަމުގައި ކާލައިފި