ކޮވިޑް19 މިހާރު ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވަން ތާވަލުކުރި ބައްދަލުވުން ކެންސަލް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީގެކުރިން އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދުމުގެ ބައްދަލުވުން ތާވަލުކޮށްފައި އޮތީ މިރޭ 08:15 އިން 10:30 އަށް މަޖިލީހުގެ އިދާރާގައެވެ. ނަމަވެސް އެ ބައްދަލުވުން ކެންސަލްކުރީ މިހާރުގެ ހާލަތަށް ބެލުމަށްފަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

އެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި ބިލު ދިރާސާ ކުރާ ހިއުމަން ރައިޓްސް ކޮމެޓީ އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދާއި ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އިތުރުން ބިލު މަޖިލީހަށް ހުށަހެޅުއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

މަޖިލީހުން އާއްމުންގެ ހިޔާލު އެންމެ ފުރަތަމަ ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ވަނީ މިނިމަމް ވޭޖާިއ ގުޅޭ ގޮތުން ހިޔާލު ހޯދާފައެވެ.

ރާއްޖެއިން މިހާރު ކޮވިޑް19 އަށް މިހާރު ވަނީ 8 މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލެންޑު ރިސޯޓުން މި ބައްޔަށް ޕޮޒިޓިވްވި ހަތަރު މީހަކާއި ސޭންޑީޒް ބަތަލާއި ބައްޔަށް ޕޮޒިޓިވްވި ދެ ފަތުރުވެރިޔަކާއި މިއަދު ކުރަމަތި ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި އިތުރު ދެ ބިދޭސީއެކެވެ.