އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އައި 50 މީހަކު ގޭގައި އެކަހެރިކޮށް ތިބުމަށް އަންގައި އެމީހުންގެ ހާލަތު މޮނީޓާ ކުރަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުން، ކޮރޯނާ ވައިރަސްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މޫސާ މުރާދް ވިދާޅުވީ، އުމްރާއިން އައި މީހންގެ ގައިން އެއްވެސް އަލާމާތެއް ހުރިތޯ އުމްރާ ގުރޫޕްގެ ޑޮކްޓަރު މެދުވެރިކޮށް ބަލާފައިވާ ކަމަށާ އެ މީހުންގެ ތެރޭގައި އަލާމާތްތަކެއް ހުރި މީހަކު ނެތް ކަމަށެވެ.

މީގެ އިތުރުން އުމްރާ އަށް ދިޔަ ފަރާތްތައް މާލެ އައުމުން އެމީހުންގެ ހުން ބެލުމުގެ އިތުރުން، ދެ ހަފްތާ ވަންދެން އެކަހެރިކޮށް ތިބުމަށް އެ މީހުންނަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ މީހުންނަށް ކޮވިޑް-19 މައުލޫމާތު އޮޅުން ފިލުވާދީ، ކޮރޯނާ ވައިރަހަށް ޝައްކުވާ އެއްވެސް އަލާމާތެއް ނޫނީ ހުމުގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ޓްރެވެލް ކްލިނިކަށް ދިޔުމަށް އިރުޝާދު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމީހުންގެ ހާލަތު މޮނީޓާ ކުރަމުން ދަނީ. އަދި އޭގެތެރެއިން ގެއެއްގައި އުޅޭ މީހެއްގެ ކިބައިން އަލާމާތެއް ފެންނަ ނަމަވެސް ދައްކާނީ ޓްރެވަލް ކްލިނިކަށް." މުރާދްް ވިދާޅުވިއެވެ.

ސައުދި އަރަބިއްޔާއިން ވަނީ އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާމާ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.