މިހާރު ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ކޮވިިޑް-19 ރާއްޖެއިންވެސް ފެނިފައި ވުމާއި ގުޅިގެން ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށް ރާއްޖޭގެ ސްކޫލްތައް ވަގުތީގޮތުން ބަންދު ކުރުމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

ގައްސާން މިފަދައިން ގޮވާލެއްވިއިރު ގިނަ އަދަދެއްގެ ފަރާތްތަކުން އަންނަނީ ވަކިން ހާއްސަކޮށް ސްކޫލުތައް ބަންދު ކުރުމަށް ގޮވާލަމުންނެވެ. އެގޮތުން މެޑިކަލް އެސޯސިއޭޝަނާއި ޓީޗަރުންގެ ޖަމިއްޔާއިން ވެސް ވަނީ ސްކޫލުތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ގޮވާލާފައެވެ.

ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮރޯނާ ވައިރަހުން ސަލާމަތް ވުމަކީ ގައުމީ ޒިންމާއެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ. އަދި އެކަމަކީ ގައުމީ ޒިންމާއެއްގެ ގޮތުގައި ބަލައިގެން ކަމާބެހޭ ފަރާތްތަކުން ދެއްވަމުން އަންނަ އިރުޝާދު ތަކަށް ފުރިހަމައަށް ބޯލެނބުމަށް ޣައްސާން ވަނީ ގޮވާލައްވާފައެވެ.

"ސްކޫލް ބަންދުކުރަންވީ، އިންތިހާބު ލަސްކުރަންވީ، ގައުމު އިސްކުރަންވީ" ޣައްސާން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އިންތިހާބު ފަސް ކުރުމަށް ޣައްސާން ގޮވާލެއްވިއިރު އެމަނިކުފާނުގެ ބައްޕާފުޅު އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އިއްޔެ ވަނީ ކޮވިޑް19 އަށް އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އިންތިހާބު ފަސް ކުރުމަށް ގޮވާލާފައެވެ.

ޣައްސާނަކީ ޕީޕީއެމްގެ ނައިބު ރައީސަށްވާއިރު އެމަނިކުފާނު ނިސްބަތްވާ ޕާޓީއާ ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވަނީ އިންތިހާބު ފަސް ކުރުމަކީ އެ ކޯލިޝަނުން އެދޭ ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެ ކޯލިޝަނުން އެދެނީ ކައުންސިލް އިންތިހާބު މިހާރު ބޭއްވުމަށް ނިންމާފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ.

ކޮވިޑް19 ގެ 8 ކޭސް މިހާތަނަށް ރާއްޖެއިން ފެނިފައިވާއިރު ސަރުކާރުން މިހާތަނަށް އެފަދަ އެއްވެސް ފިޔަވަޅެއް އެޅުމަށް ނިންމާފައެއް ނުވެއެވެ. ކައުންސިލް އިންތިހާބާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފް މިއަދު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ އަދި އެފަދަ ހާލަތަކަށް ގައުމު ގޮސްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ހާލަތަކަށް ގޮސްފި ނަމަ އިންތިހާބު ލަސްކުރުމަށް އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދޭނެ ކަަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިސްކޫލް ތައް ބަންދު ކުރަންޖެހޭނެ ބުއްޅަ އަށް މިކަން ބޮޑު ނުވިޔަސް ދިވެހިން ނަށް މިކަން ވަރަށް ބޮޑު އެންމެ ކުއްޖަކަށް ދެރައެއްލިބިއްޖެނަމަވެސް އެތައް އާއިލާ ތަކެއް ދެރަވާނެ