ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ޅ. ކުރެއްދޫ ރިސޯޓްގައި އެކަހެރިކޮށްފައިވާ މީހުން ވަކި ސަރަހައްދަކަށް ގެންގޮސް އެ ސަރަހައްދު ބަންދު ކުރުމަށްފަހު، ރިސޯޓް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި، ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ، މައައިސޮލޭޝަންގައި ތިބި މީހުންނާމެދު ގޮތްތަކެއް ޑޮކްޓަރުން ނިންމާފައިވާ ކަމަށެވެ.

އަދި އައިސޮލޭޝަންގައި ތިބޭ މީހުން ވަކި ސަރަހައްދަކަށް ގެންގޮސް އެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށާ އެ ސަރަހައްދު އެހެން ބޭއްވުމަށްފަހު ރިސޯޓް އާންމުކޮށް ހުޅުވާލެވޭތޯ ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިސޯޓްގައި ތިބި ޓޫރިސްޓުންގެ ހާލު ވެސް ބަލަމުންދާ ކަމަށާއި ހާލު ރަނގަޅު ޓޫރިސްޓުން އެ ރިސޯޓުން ފުރުވާލެވޭތޯ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކުރެެއްދޫ ރިސޯޓްގެ ހަތަރު ކޮވިޑް 19 އަށްް ފައްސި ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ފަތުރުވެރިއެކެވެ.

އެ ރިސޯޓްގެ އެލާޓް ލެވެލް އޮރެންޖުގައި އޮތް އިރު ކުރެއްދޫގައި ޑޮކްޓަރުންގެ ޓީމެއް މިހާރުވެސް ހަރަކާތްތެރިވަމުން އެބަދެއެވެ. އެ ރިސޯޓްގައި މި ވަގުތު ރޫމް އައިސޮލޭޝަންގައި ބަޔަކު އެބަތިބި ކަމަށާއި އެމީހުންގެ ކަންކަން ޑޮކްޓަރުން މޮނީޓާ ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

މިހާރު ކުރެއްދޫ ރިސޯޓްގައި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އަދި 699 ފަތުރުވެރިން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވޮއްލެ

    ތިޔައީ އުއްޗުގެ ހިއްސާ އޮންނަ ރިސޯޓެއް. ބަންދުކޮށްފައި ބާއްވާގެން ނުވާނެ.

  2. ތެދުބަސް

    މީދެން ބޮޑު ޖޯކެއް.ކުރެއްދޫގަ ރޫމްބޯއިން ކޮން ބައެއްތޯ ސާވް ކުރާނީ.ގެސްޓުން ރެސްރޯރެންޓާއި ބާރ ބޭނުން ކުރަނީ ކޮން ބަޔަކުންތޯ.ސްޓާފުން ކައިބޮއި ހަދަނީ ނުވަތަ ނިދަނީ ކޮން ބައެއްގަތޯ. އެވަރުގެ ދެބައި މިރިސޯޓްގައި އޮވޭތޯ.

  3. ސމި

    ސާބާޝް ކުޑަ ހިދުކޮޅެއްވެސް ލސް ނުކުރާތި މީހުން ނު ރައްކަލަށް. ހުށަހަޅާފަެސް ފައިސާ ހޯދަންވާނެ