އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސް ކޮށްދިނުމަށް މޯލްޑިވްސް ރިފޯމް މޫމަންޓު (އެމްއާރްއެމް) އިން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.
އެމްއާރްއެމްގެ ނާއިބު ރައީސް އައިމިނަތު ނާދިރާ ސޮއިކުރައްވާ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވަނީ ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ 8 މީހަކު މިހާރުވެސް ފެނި އިތުރު ބަޔަކު ޓެސްޓު ކުރެވެމުންދާ މި ދަނޑިވަޅަކީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށްވެސް ތައްޔާރުވަމުން އަންނަ ދުވަސްވަރު ކަމަށެވެ.
އެހެންނަމަވެސް މިހާރު ރާއްޖޭގެ މި ހާލަތު އޮތް ގޮތުން ދައުލަތުން އެތައް މިލިއަން ރުފިޔާ އެއް ހަރަދުކޮށްގެން ކުރިޔަށް ގެންދާ އިންތިހާބަކަށް އާއްމުންގެ ތަރުހީބު ނުލިބި ވޯޓުލުމަށް ދާނެ މީހުން މަދުވުމަކީ މާލީ ގޮތުން ކުރެވޭ އިސްރާފެއް ކަމަށެވެ. އަދި ބުނީ ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކަށް ހުރަސް އެޅިގެންދާ ކަމަށެވެ.
އެހެންކަމުން ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި މުއައްސަސާތަކާއި މަޝްވަރާ ކުރުމަށްފަހު އިންތިހާބު ފަސް ކުރުމަށް އެޕާޓީން ވަނީ އެދިފައެވެ.
އެމްއާރްއެމްއިން މިގޮތަށް އެދިފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބަށް އެކުލަވާލި އެޑްވައިޒަރީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވެފައިވަނީ އިންތިހާބު އިތުރަށް ލަސް ކުރެވެން ނެތް ކަމަށެވެ. އިންތިހާބު ލަސްކޮށްފި ނަމަ، ދެން އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަހުގެ ފުރަތަމަ ދިހައެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. އިންތިހާބު ލަސްކުރުމުގެ ނުވަތަ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އެއްވެސް ދުވަހެއް އަވަސް ކުރުމުގެ ބާރެއް ގާނޫނުން ކޮމިޝަނުން ނުލިބޭ ކަމަށް ވިދާޅުވިއެވެ."އިންތިހާބު ލަސް ކުރުމުގެ ގާނޫނީ ބާރެއް އިލެކްޝަންސް ކޮމިޝަނަކަށް ނޯވޭ. އިންތިހާބު ލަސްކުރުމުގެ ގާނޫނީ ބާރެއް ނޯވޭއޭ އަޅުގަނޑު މި ދަންނަވަނީ ކަނޑައެޅިފައިވާ ތާރީހަށްވުރެ ލަސްކުރުމުގެ. ގާނޫނުގައި ކަނޑައެޅިގެން އެބަ އޮވޭ މިހާރު ތިބި ކައުންސިލްގެ މުއްދަތު ހަމަވުމުގެ ތިރީސް ދުވަހުގެ ކުރިން އިންތިހާބު ބާއްވައިގެން ނިންމަން ޖެހޭ ކަމަށް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރު ކަނޑައެޅިފައިވާ މުއްދަތަކީ ކައުންސިލްތަކުގެ މުއްދަތު ހަމަވުމާ ދޭތެރޭގައި އޮންނަ 30 ދުވަހުގެ ކުޑަ ދުވަސްކޮޅެއް "ބްރީތިން ސްޕޭސް" ގެ ގޮތުގައި ދޫކޮށްފައި ހަމަޖެހިގެން އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތެއް ކަމަށެވެ.

މިހާރު އޮތް ގޮތުން ދެވަނަ ބުރެއް ބާއްވަން ޖެހުނު ކަމުގައިވީ ނަމަވެސް، ރޯދަ މަހާ ދެމެދުގައި އޮތް ވަގުތު ކޮޅުގެ ތެރޭގައި އިންތިހާބު ބާއްވައި ނިމޭނެ ކަމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމީ

    މައުމޫނާ ނާދިރާ އާ ދެމީހުންގެ ޕާޓ އެއްތީ އިންތިޚާބު ފަސްކުރަން ގޮވާލާއިރު ފުރަތަމަ ޕާރޓީގަ ގާނޫނު ބުނާ އަދަދައް މީހުން ތިބިތޯބަލާލަބަލަ....

  2. ޢަބްދުއްލަޠީފު

    ބަލަމިވެސް އޮންނަ ޕާޓީއެއްދޯ؟ މިހުރިހާ ކަމެއް ވަމުންދާއިރު މި ޕާޓީގެ އަޑެއްބަޑެއްވެސް އިވެނީކީ ނޫނިއްޔަ. އެހެން އަހާލެވޭނެދޯ؟ އަނެއްކާ ތި ޕާޓީ އިންވެސް ކައުންސިލް އިންތިޚާބުގަ ވާދަ ކުރަމުތަ ނޫނީ ކޯލިޝަންކުދިން ރުއްސާލަން ވެގެން ބަޔާނެއް ނެރުނީތަ. ސާފުކޮށްލަދީބަލަ. ނާދިރާ އަށް ވެސް މިސަރުކާރުން ޕިޔޯނެއްގެ ވަޒީފާ ގަނޑެއްވެސް ދިއްކޮށްލީއެއްނޫން. ކީއްކުރަން މައުމޫނު އެމީހުންގެ ފައިބުޑުގަ ތިއުޅެނީ؟ ދެންވެސް ފޭއަށް ޖެހިލަބަލަ. ފަހަރެއްގަ ކުރިން ތާއީދު ކުރިމީހުންވެސް ކުރީގެ ރައީސް ފަހަތަށް އަރާފާނެކަން ނޭގެދޯ؟

    3
    1