ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް19 އަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސްކޫލުތައް ބަންދު ކުރުމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ގޮވާލައްވައިފިއެވެ.

ރިޔާޒު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ކޮވިޑް19 އައް ރައްކާތެރިވުމުގެ ގޮތުން އެ ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. އޭގެ އިތުރަށް ރިޔާޒު ވިދާޅުވީ ވައިރަސް ޖެހޭމީހުންގެ އަދަދު އިތުރުވަމުންދާ މިދަނޑިވަޅުގައި ކައުންސިލް އިންތިޚާބު ބާއްވައިފި ނަމަ ގިނަ ބަޔަކު ވޯޓްލާން ނުނިކުތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ރިޔާޒު މިފަދައިން ވިދާޅުވިއިރު އޭނާ އަކީ ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރެވެ. ނަމަވެސް މިކަމާއި ގުޅިގެން ޖޭޕީން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ އިންތިގާލީ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް އިއްޔެ ގޮވާލާފައެވެ. އަދި އެޕާޓީން މިއަދު ވަނީ ކައުންސިލް އިންތިހާބު ފަސް ކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައެވެ.

ސްކޫލުތައް ބަންދު ކުރުމަށް އަބްދުﷲ ރިޔާޒު ގޮވާލާފައިވާއިރު އިދިކޮޅު ކޯލިޝަންގެ ބައެއް މަޖިލިސް މެންބަރުންވެސް އަންނަނީ ސްކޫލުތައް ބަންދު ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ސަރުކާރުން ބުނީ މާލެއިން ކޮވިޑް 19 ފައްސި (ޕޮޒިޓިވް) މީހަކު ފެނުނު ނަމަ، މާލެގެ ސްކޫލްތައް ބަންދު ކުރާނެ ކަމަށެވެ. ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ސްކޫލްތައް ބަންދުކުރަންޖެހޭ ހާލަތެއް އަދި ނެތް ކަމަށާ، އެފަދަ ހާލަތެއް އައިސްފި ނަމަ، ކުދިންނަށް ގޭގައި ތިބެގެން ކިޔަވައިދެވޭނެ ގޮތްތަކެއް ވެސް ބަލަމުންދާ ކަމަށެވެ.

މާލެއަކީ ކުޑަކުޑަ ތަނަކަށް ވާއިރު ސްކޫލް ބަންދަށް ފަހު ސްކޫލްތައް ހުޅުވުމާއި މެދު ބެލެވެރިންގެ ކަންބޮޑުވުން ހުރިކަން ފާހަގަކޮށް ނޫސްވެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ، ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާގެ އިރުޝާދާއެކު ވައިރަހާ ގުޅިގެން ކަނޑައަޅަންޖެހޭ އެލާޓް ލެވެލްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ސާފުކޮށް އެނގޭކަމަށެވެ. އަދި އެ އުސޫލްތަކާއި އެއްގޮތަށް ރާއްޖެއިން އަމަލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

""މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި އަޅަންޖެހޭނެ ފިޔަވަޅުތަކާއި ހުރިހާ ސިނާރިއޯތަކަށް ތައްޔާރުވަމުންނޭ މި ދަނީ." މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްކޫލް ބަންދު ކުރުމާއި މެދު އެޑިއުކޭޝަން މިނިސްޓްރީއިން މަޝްވަރާކުރަމުންދާ ކަމަށެވެ.