މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ކެމްޕެއިން ހަރަކާތަކަށް ހަދަމުން ދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިއަދު "ވަގުތަށް" ވިދާޅުވީ ބޯހިޔާވަހިކަމަކީ އާންމުންގެ އުންމީދާއި ގުޅިފައިވާ މުހިއްމު ޚިދުމަތަކަށް ވާއިރު، ސިޔާސީ ބޭނުމަށްޓަކައި އެކަނި ވާ ވައުދަކަށް ބޯހިޔާވަހިކަމުގެ ވައުދުތައް ވެގެން ނުވާނެ ކަމަށެވެ.
ނަމަވެސް މިހާރު ފެންނަ މަންޒަރަކީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ އިރު އެމްޑީޕީގެ ކެންޑިޑޭޓުން ގެންދަވައިގެން، ފޮޓޯ ނަންގަވައި، އެ މަޝްރޫއުތަކުގެ އެހީގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރާ މަންޒަރު ކަމަށް އަލްހާން ވިދާޅުވިއެވެ.
މީގެއިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމް ފަދަ ޚިދުމަތްތައް ދޭން ޖެހޭނީ ކައުންސިލްތައް މެދުވެރިކޮށް ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނި ނަމަވެސް، އަދި ވެސް އަމަލުކުރަމުން ދަނީ އެ ގާނޫނާ ދިމާ އިދިކޮޅަށް ކަމަށް އަލްހާން ވިދާޅުވިއެވެ.
"ރައީސް ނަޝީދު (ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް) ކިތަންމެ ވަރަކަށް އަޑަށް ބާރު ލާފައި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހޭ ދަރިއެކޭ. މިހާއްޔަށް ބިސް އަޅާނީ ތިމަންނާމެންނޭ. ބިސްއަޅާ ކުކުޅު ވެސް ކާނީ ތިމަންނާމެންނޭ ވިދާޅުވިޔަސް އެގޮތަކަށް ކަންތަކެއް ނުހިނގާ. ހަގީގަތަކީ އެއީ." އަލްހާން ވިދާޅުވިއެވެ.
އަލްހާން އެގޮތަށް ވިދާޅުވި އިރު، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސަތާރު ބައިވެރިކުރައްވާ، ފޮޓޯ ނަންގަވާފައިވާތީ އެކަމަށް ފާޑު ވިދާޅުވެ އަލްހާން ވަނީ ޓްވީޓެއް ވެސް ކުރައްވައިފައެވެ.
https://twitter.com/AlhanFahmy/status/1237419545238761472
ސަރުކާރުން ބިންގާ އެޅި މަޝްރޫއަކީ މިދިޔަ ސަރުކާރުން މަސައްކަތް ހަވާލުކޮށްފައިވާ މަޝްރޫއުއެއް ކަމަށް ބުނާ ބުނުމަށް ވެސް އަލްހާން ރައްދުދެއްވިއެވެ.
އަލްހާން ވިދާޅުވީ މައި ސަރުކާރުން ހިންގާ ކަންކަމަކީ ވަކި ސަރުކާރެއް އޮވެގެން ކުރިއަށްދާ ކަމަކަށް ވެގެން ނުވާނެ ކަމަށާއި ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ކޮންމެ ސަރުކާރަކުން ފެށިޔަސް އެކަންކަން ނިންމުމަކީ ދެން އަންނަ ސަރުކާރެއްގެ ޒިންމާއެއް ކަމަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރުން ބިންގާ އެޅި މަޝްރޫއުގައި ހިމެނެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމަންޓެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ފުރަތަމަ ފަހަރަށް ގަންނަ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 1700 ހައުސިން ޔުނިޓްގެ 11 ޓަވަރުގެ 15 އަދި 16 ބުރީގެ އިމާރަތްތަކެއް ހަދާނެ ކަމަށެވެ.
މިމަޝްރޫއުގެ ޢަމަލީ މަސައްކަތް މި އަހަރުގެ މެއު މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ރަނގަޅުވާހަކައެއް..
މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ކެމްޕެއިން ހަރަކާތަކަށް ހަދަމުން ދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް، އަދިކިރިޔާތޯ ތިޔަ އެނގިވަޑައިގަތީ މީ އެދިގުރާސްތާ 30 އަހަރު ބިންތައް ހިސޯރްކޮއް ހަމަ އެކަނި މާލޭގެ ރައްޔަތުންނައް ގޯތި ނުދީ ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހަދައިގެން ރައްޔަތުންނައް ދޭންފެށީ މިބޭނުމުގައި ފަސޭހަކަމާއެކު ވޯޓްހޯދަން ފުލެޓް ގެސްޓްހައުސްގެ ހުވަފެން ދައްކައިގެން ބަލަ މިނާތަހުޒީބް ނަސްލީ އިމްތިޔާޒް ހިންގިއިރު ތިޔަ ބޭފުޅާ އިންނެވީ މަޖްލިސްގަ އައްޖަހަން އެއިރު ކީއްވެގެންތޯ ތިޔަ ވާހަކަ ފުޅު ނުދެއްކެވީ ތިމާ ބޯން ހަލާލް އަނެއްމީހާ ކާންވީމަ ހަރާން،
ކީކެތޯ ތި ކިޔަނީ ކުރިން ބުނި އަމިއްލަ މޭޔަރ ކެންޕޭނުގަ ހިލޭ ގޯތި ދުކުރަން ބުނެފައި މިހާރު އެހެން ބަޔަކު އެކަން ކުރިމާ ގޯސް ..
މީގަސްދު ގައި ހިންގާ ސަގާފީކަމެއް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ކެމްޕެއިން ހަރަކާތަކަށް ހަދަމުން ދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް، އަދިކިރިޔާތޯ ތިޔަ އެނގިވަޑައިގަތީ މީ އެދިގުރާސްތާ 30 އަހަރު ބިންތައް ހިސޯރްކޮއް ހަމަ އެކަނި މާލޭގެ ރައްޔަތުންނައް ގޯތި ނުދީ ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހަދައިގެން ރައްޔަތުންނައް ދޭންފެށީ މިބޭނުމުގައި ފަސޭހަކަމާއެކު ވޯޓްހޯދަން ފުލެޓް ގެސްޓްހައުސްގެ ހުވަފެން ދައްކައިގެން ބަލަ މިނާތަހުޒީބް ނަސްލީ އިމްތިޔާޒް ހިންގިއިރު ތިޔަ ބޭފުޅާ އިންނެވީ މަޖްލިސްގަ އައްޖަހަން އެއިރު ކީއްވެގެންތޯ ތިޔަ ވާހަކަ ފުޅު ނުދެއްކެވީ ތިމާ ބޯން ހަލާލް އަނެއްމީހާ ކާންވީމަ ހަރާން،
އެއީ ވަގު ޖަލުގަ އޮވެގެން ބިންގާއެޅީދޯ