ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައުމީ ކުތުބުޚާނާގެ ޚިދުމަތްތައް މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ގައުމީ ކުތުބުޚާނާ އިން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މި މުއްދަތުގައި ލައިބްރަރީ އަށް އަނބުރާ ގެންނަން ޖެހޭ ތަކެތި ހިދުމަތް ފަށާތާ ހަތް ދުވަހުގެ ތެރޭގައި ޖޫރިމަނާ އާ ނުލާ ބަލައިގަންނާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުން ގިނަ އިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ. ވައިރަސްއާ ގުޅިގެން މާލޭގެ ސްކޫލްތައް ވެސް މިހާރު ވަނީ އެއް ހަފްތާއަށް ބަންދު ކުރަން ނިންމައިފައެވެ.

ބަލީގެ މައުލޫމާތު ދިނުމަށް ހާއްސަކޮށްފައި ހުންނަ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ރޭ ވިދާޅުވީ ސްކޫލްތައް ބަންދުކުރި ނަމަވެސް ކިޔަވައި ދެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޮންލައިންކޮށްގެންނާއި ބްރޯޑްކާސްޓްކޮށްގެން ވިޔަސް ކިޔަވައި ދިނުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު