ދުނިޔޭގައި ހަލުވި ސްޕީޑުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ރައްޔިތުންނަށް އަދިވެސް ކަންކަން ސާފުވާންވީ މިންވަރަށް ކަންކަން ސާފު ނުވާ ކަމަށާއި، ކުއްލި ހާލަތް އިއުލާންކޮށްގެން ވިޔަސް ރައްޔިތުންނަށް ވާނުވާ އޮޅުން ފިލުވައި ދޭން ޖެހޭ ކަމަށް އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް 8 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާ އިރު، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ. އަދި ބައްޔަށް ޝައްކު ކުރެވޭ ގިނަ ބަޔަކު ޓެސްޓް ކުރި އިރު، ގިނަ މީހުން ވަނީ ބައްޔަށް ނައްސި (ނެގަޓިވް) ވެފައެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން އަދިވެސް ވާނުވާގައި ތިބިއިރު، އެމީހުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދަނީ އެކި ވާހަކަތައް ދައްކަމުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެއްބަޔަކު ގައުމުގެ ހުރިހާ ތަކެއްޗެއް ހުސްވެގެން ހިނގައިދާނެ ކަމަށް ބުނަމުންދާ އިރު، އަނެއް ބަޔަކު ގޮވަމުން ދަނީ ބިރު ނުގަތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެސްއޯއީ އިއުލާންކޮށްގެން ނަމަވެސް ރައްޔިތުންނަށް ވާނުވާ އޮޅުން ފިލުވައި ދެއްވާ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގް ކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ވަނީ މީގެ ކުރިން ގައުމު މިހާލަތަށް އައުމުގެ ޒިންމާ ނަންގަވަން ޖެހޭ ފަރާތަކީ ރައީސް ސާލިހު ކަމަށް ވިދާޅުވެެފައެވެ. އެގޮތުން ގައުމުގެ ކަންކަން މިހާ ބިރުވެރި ފައްތަރަކަށް ވެއްޓިގެން ދާއިރު އެމަނިކުފާނު ހުންނަވާކަންވެސް ނޭންގޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހުނު މީހަކު އެތައް ދުވަހެއް ވަންދެން އުޅުނު އިރު ސަރުކާރަށް އެ މައުލޫމާތު އެނގޭނެ ކަމަށާއި އެ މައުލޫމާތު ސިއްރު ކުރީ ދިވެހި ރައްޔިތުންނަށް ވުރެ ކޮން ކަމެއް މުހިއްމު ވެގެންތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ.

މިހާތަނަށް ރާއްޖެއިން އަށް މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ވަނީ އިއުލާންކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރައީސް ގައުމާ މުހާތަބުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19 ފެނުނު ތިން ރިސޯޓު ކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީސް ބަތަލާ އާއި ކުރަމަތި އައިލެންޑް ރިސޯޓަށް އަރައި ފޭބޭ ގޮތަށް މިހާރު ވަނީ ހުޅުވާލައިފައެވެ. އަދި ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ވިލަމެންދޫ ރިސޯޓަށް އަރާ ފޭބުން މަނާކުރިއެވެ. އެކަމަކު، އެ ރަށުން މީހަކު ފައްސިވެފައި ނުވެއެވެ. މިހާރު އަރާ ފޭބުން ހުއްޓުވާފައި ވަނީ ސަން އެކުއާ އިރު ވެލި ރިސޯޓަށް އެކަންޏެވެ.

ސަން އެކުއާ އިރު ވެލި ރިސޯޓަށް އަރާ ފޭބުން ހުއްޓުވީ ބައްޔަށް ޝައްކު ކުރެވޭ އަލާމަތްތައް ހުރި މީހެއްގެ ޓެސްޓުތައް ހަދާތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުއްޅަ

    މިނޫން ސަރުކާރެއް އޮތްނަމަ ރާއްޖޭގައި މިހާރުއޮންނާނީ ތިބުނިގޮތަށް ކުއްލިހާލަތު އިއުލާންފައިކަން ޔަގީން

  2. ޑަކައިތަ

    މިނޫން ސަރުކާރެއް އޮތްނަމަ ރާއްޖޭގައި މިހާރުއޮންނާނީ ތިބުނިގޮތަށް ކުއްލިހާލަތު އިއުލާންފައިކަން ޔަގީން

  3. ޓިނު

    ޢަދުރޭ ކަލޭ މަހަށްދޭބަލަ.. ރައްޔިތުން ބިރުވެރިކަމުގެ ތެރެޔައްނުލާ...

  4. ޑާން

    މިނޫން އެހެން ސަރުކާރެއް މިރާއްޖޭގައި އޮތްނަމަ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރިތާން ކިތައްމެ ދުވަހެއްވިސް

  5. ޑަކައިތަ

    މިނޫން އެހެން ސަރުކާރެއް މިރާއްޖޭގައި އޮތްނަމަ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރިތާން ކިތައްމެ ދުވަހެއްވިސް