އަނަންތަރަ ދިގު ރިސޯޓުން ބިދޭސީއަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) މިއަދު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ އަނަންތަރަ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓްކުރި ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެމީހާ މިވަގުތު ހުރީ ފަރުކޮޅުފުށީގެ އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ނަމަވެސް އެޗްޕީއޭގެ ޓުވީޓުގައި އެންމެ ފަހުން ކޮވިޑް-19 ޖެހުނީ ކޮން ގައުމެއްގެ މީހަކަށް ކަމެއް ނުބުނެއެވެ.

އަނަންތަރަ އިން މީހަކު ކޮވިޑް-19 އަށް ފައްސި ވުމުން ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ އަދަދު 11 އަށް އެރީއެވެ. ނަމަވެސް މި ބަލި އެއްވެސް ދިވެއްސެއްގެ ގައިން އަދި ފެނިފައެއް ނުވެއެވެ. މިހާތަނަށް އައިއިރު، ބަލި ފެނުނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އައި ބައެއް ފަތުރުވެރިންގެ ގައިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ގައިންނެވެ.

އެޗްޕީއޭ އިން ރޭ ބުނި ގޮތުގައި، އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ކޮންޓެކްޓް ޓްރޭސިން ނިންމައި ހޯމް އައިސޮލޭޝަނަށް ލާންޖެހޭ މީހުން މިހާރު ވަނީ އެކަހެރިކޮށްފައެވެ. އަދި ރިސޯޓު މޮނިޓަރިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެކަަމަކު، އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން އެކަހެރިކުރީ ކިތައް މީހުން ކަމެއް އެޗްޕީއޭ އިން ނުބުނެއެވެ.

މީގެއިތުރުން ބ. ފެހެންދޫ އާއި ސަންގެލި ރިސޯޓްގެ އިތުރުން ބަނޑޮހާއި ޑްރީމްލޭންޑް ރިސޯޓުން ޓެސްޓް ކުރި މީހުން ނެގަޓިވް ވުމުން އެ ރަށްތައް މޮނީޓާކުރުން ހުއްޓާލައި ރަށްތައް ހުޅުވާލާފައިވާ ކަމަށެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، ކޮވިޑް-19 ޖެހުނު ފަސް މީހުންނަކީ ކުރެއްދޫ ރިސޯޓުން ފެނުނު މީހުންނެވެ. އަދި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހަކާއި ކުރަމަތި މޯލްޑިވްސް ރިސޯޓުގެ ދެ މީހަކު އަދި އަނަންތަރާ ދިގު ރިސޯޓުގެ ދެ މީހެއްގެ ގައިން ބަލި މިހާރު ވަނީ ފެނިފައެވެ.

ރާއްޖޭގައި ކޮވިޑް ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ސަރުކާރުން އެންމެ ވަރުގަދަ ފިޔަވަޅުތަކެއް ގޮތުގައި އެޅީ ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތައް ބަންދުކުރުމާއި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ގެސްޓް ހައުސްތަކަށް ބިދޭސީން ގެނައުން މަނާކުރުމާއި ރިސޯޓުތަކާއި ސަފާރީތަކާއި ރަށްރަށުގައި ތިބި ޓޫރިސްޓުން އެކްސްކާޝަނަށް އެއްވެސް ރަށަކަށް ނުދެވޭ ގޮތަށް މަނާކުރުމުވެ.

މީގެއިތުރުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ޕާކްތަކަށް ނުދިއުމަށް ސަރުކާރުން ވަނީ އަންގައިފައެވެ. އަދި ސްޕެއިން އާއި ޗައިނާ އާއި އިޓަލީގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮންޓޭ

    ތި ޓެސްޓްތައް ރަށްރަށާއި އަތޮޅުތަކުންވެސް ހެދެން ނުވޭބާ! ޓެސްޓް ހަދަންވެސް މާލެ! މިދެން ބޮޑުވަރު!ހުރިހާކަމެއް ސެންޓްރަލައިޒް ކޮށްފަ ޖަޒީރާ ރާއްޖެ! ޖަޒީރާ ޖަގިޔާ! ޓެސްޓް ތަށް ގިނަތަންތަނުން ހެދުނުވަރަކަށް ގިނަ ބަލިމީހުން ފެންނާނެ! ފެތުރުން ކޮންޓްރޯލް ކުރެވޭނެ! ދިޔުޅި ދިގުކަމުން ކަމެއްވާވަރު އެބަވޭބާ!

    22
    4
  2. ޓްރެއިނާރ

    ކީއްވެބާ ޖިމް ތައް ބަންދުނުކުރަނީ. މީހުން ވަރަށް އެއްވާ ތަނެއް. އެކަކު ބޭނުންކުރާ މެޝިން އެންމެންވެސް ބޭނުންކުރަނީ. މޭޝިންތަކުގަ ގައިން ފައިބާ ދާތައް ވެސް އޮންނާނެ. ޖިމްތައްވެސް ބަންދުކުރަން ޖެހޭ.

    36
    1
  3. އާދޭސް

    އިނގިރޭސި ވިލާތުން ފަތުރުވެރިން އަ އުން ހު އްޓުވާދީބަލަ..ރޮ އެފަ ބުނަން މާލޭގައި ފެތުރި އްޖި އްޔާ މީސްކޮޅު މަރުވެދާނެ..

    22
    2
  4. ޓީޓީ

    ތި ޓެސްޓްތައް ރަށްރަށާއި އަތޮޅުތަކުންވެސް ހެދެން ނުވޭބާ! ޓެސްޓް ހަދަންވެސް މާލެ! މިދެން ބޮޑުވަރު!ހުރިހާކަމެއް ސެންޓްރަލައިޒް ކޮށްފަ ޖަޒީރާ ރާއްޖެ! ޖަޒީރާ ޖަގިޔާ! ޓެސްޓް ތަށް ގިނަތަންތަނުން ހެދުނުވަރަކަށް ގިނަ ބަލިމީހުން ފެންނާނެ! ފެތުރުން ކޮންޓްރޯލް ކުރެވޭނެ! ދިޔުޅި ދިގުކަމުން ކަމެއްވާވަރު އެބަވޭބާ!

  5. ހިތުގެ އާދޭސް

    ކީއްވެބާ ސިވިލް ސާރވިސް މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ނުދެނީ.... އިންފުލްއެންޒާ ވައިރަސް އާ ގުޅިގެން މާބަނޑު މީހުންނަށް ރައީސް ޔާމީން ދިން ޗުއްޓީ . މި ސަރުކާރު މީހުންނަށް މި އިީ ކިހާ ސީރިއަސް ކަމެއްކަމަށް ނުވެސްނެނީބާ .... ނޫސް ތަކުނުންވެސް މި ކަމާ ގުޅިގެން ވާހަކަ ނުދައްކަނީ ކީއްވެބާ

  6. ޙަސަނާ

    މިހާރު އެބައިގޭނު ރިސޯޓުތަކުގަ ގެސްޓުންނާ މުއާމަލާތހުކުރެވޭހިސާބުގާ ތިބެނީ ބިދޭސީންކަން...

  7. ބުއްޅަ

    ދިވެއްސެއް ޕޮޒިޓިވް ވިކަން އިނގޭނީ ދިވެހިން ޓެސްޓް ކުރާނަމަ ތާ؟ އައިސޮލޭޓް ކުރާ ދިވެހިންނަށް ވާގޮތްވެސް ފަހުން އެނގެނީކީ ނޫން .. އެމީހުން ދިރި ތިބިކަމެއް ނުވަތަ މަރުވިކަމެއް ވެސް. ސަރުކާރުގެ މުޅި ފޯކަސް ހުރީ ދިވެހިންނަށް މި ބަލި ޖައްސާފަވެސް ބިދޭސީން ހިމާޔަތް ކުރުން.

    1
    1
  8. މާމިގިލީ މީހާ

    އަނަންތަރާ ދިގު ރިސޯޓުން ފޮސިޓިވް މިވީ އިޓަލީ ގެ ދެމަފިރިން..

  9. ރެސްޓޯރެންޓ މެނޭޖާރ

    ހުރިހައި ކެފޭ ތަކާއި ރެސްޓޯރެންޓ ތައް ވެސް ބަންދު ކުރަންވި. އެތަންތަނަކީވެސް މީހުން އެއްވެ އުޅޭ ތަން ތން. ކިހިނެއް އެންގެނީ އެތަންތާމަސެއްކަތް ކުރާ ބިދޭސީން ކޮންޓެކްޓް ވެފަ ހުރި ކަމެއް.