އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

އިންތިހާބު ފަސް ކުރަން އިލެކްޝަން ކޮމިޝަނުން ނިންމިއިރު، އިދިކޮޅު ފަރާތްތަކުންނާއި، ސަރުކާރުގެ ކޯލިޝަންގެ ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އާ އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ އިންތިހާބު ފަސް ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް އެމްޑީޕީން މި ކަމާއި ދެކޮޅެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މިއަދު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން، އިލެކްޝަން ކޮމިޝަން މެންބަރުންގެ އިއްތިފާގުން ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަސްކޮށްފައިވާ ކަމަށެވެ.

"އެހެން ނަމަވެސް މިއަދު ރާއްޖޭގެ ސިއްހަތާއި ބެހޭ ވަޒީރު މި ވަނީ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު މަސް ދުވަހަށް އިއުލާނު ކުރައްވާފައި، މިކަމާއި ގުޅިގެން މިއަދު ހަވީރު އިލެކްޝަން ކޮމިޝަންގައި ބޭއްވުނު ބައްދަލުމުގައި މި ވަނީ 30 ދުވަހަށް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ލުމުގެ ހަރަކާތް ފަސްކޮށްފައި". ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން އޭޕްރިލް މަހުގެ 18 ވަނަ ދުވަހަކީ ގާނޫނުގައި ވާގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާ ގާނޫނީ މުހުލަތު ތެރެއިން ވޯޓު ލުމުގެ މުއްދަތު ފަސް ކުރެވޭނެ އެންމެ ފަހު ތާރީހް ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"މިއަށްވުރެ އިތުރަށް ދެން ވޯޓުލުމުގެ ތާރީހް ބަދަލު ކުރެވޭނީ ކޯޓުގެ އަމުރަކުން ނުވަތަ ރައްްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނަކުން". ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށާއި، އަދި ވާން ޖެހޭ ތައްޔާރީތަކުގެ ތެރެއިން ވޯޓު ކަރުދާސް ޕްރިންޓް ކުރުމާއި އަދި ރަށްރަށަށް ވޯޓުލާ މަރުކަޒުތަކަށް ފޮނުވަން ޖެހޭ ތަކެތި ޕެކްކޮށް ޑިސްޕެޗް ކުރުން ފިޔަވާ އެހެން ހުރިހާ ކަމެއް ވަނީ ނިމިފައި ކަަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ފާހަގަކުރެއްވިގޮތުގައި ފަސްކޮށްފައިވަނީ ވޯޓުލުން އެކަންޏެވެ. އިންތިހާބުގައި މިހާރު ކުރިއަށް ގޮސްފައިވާ އެއްވެސް މަރުހަލާއެއް ބަދަލުވެގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާރު މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 8 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސައީދު

    ކީއްވެ 19 އަށް ފަސްނުކުރީ....

    20
    1
    • ޒަކް

      ހައްހައްހާ ދޯ؟؟ ދެން ފަސްކުރީމޭ ބުނަން ކަމަކަށް ކަމެއް ކޮއްފަ މިއޮތީ 4 ގަ އޮތް އިންތިހާބު 28 އަށް އާނ ތިޔަށް ވެސް ފަސްކުރުން ކިޔާނެ ދޯ؟ ތިޔަ ކަހަލަ ޖެއްސުންކޮށް ރައްޔިތުން ނަކީ ހަމާރުންކަމަށް ހައްދަން ނޫޅޭ.. ހެލްތު އިމަޖެންސީ ނިމެންދެން ތި ފަސްކުރޭ..

  2. އެންދެރި

    ތިޔައީ ޖޯކެކެވެ.

    18
    1
  3. ހގދ

    ޣޮތް ދޫކުރީދޯ ކީވެބާ މިގޮތް ދޫކުރީ

    9
    1
  4. ނަސޭހަތް

    ތާރީޚެއް ޖަހާފައި ފަސްކުރުމަކީ ވ.ބޮޑު ގޯހެކެވެ. އޭރުން ޚަރަދުތަކެއް ހިނގާނެއެވެ. ހާލަތު ރަނގަޅުވުމުން ތާރީޚް އިޢުލާންކުރުން މާ ރަނގަޅުވާނެ އެވެ.

    24
    1
  5. އަވަ

    ތާރީޚު ބަދަލުވުމުން އަލުން ރީ ރެޖިސްޓްރޭޝަނަށް ފުރުޞަތު ދޭންވާނެ.

  6. ކަލޯ ނަމަނަމަ

    ބޮޑު ވަގު

  7. ޢަޅި

    ފައްސި ވީ ދޯ

  8. Anonymous

    ފަސްކުރިކަން ދެން ރަނގަޅު.

  9. ޒީރޯ ޓޮލަރަންސް

    ކޮވިޑް-19 ގެ ހާޅަތު ބަދަލްވެ، ހުރިހާކަމެއް އޭޕްރިލް 18 އަށް ރަގަޅުވަނީތޯ؟ ބުއްޅަބެެ ނުހެދި ގޭގަ މަޑުކުރުން ކީއްތޯ؟

  10. ބޮކުބާޑޫ

    ކޮވިޑް-19 ގެ ހާޅަތު ބަދަލްވެ، ހުރިހާކަމެއް އޭޕްރިލް 18 އަށް ރަގަޅުވަނީތޯ؟ ބުއްޅަބެެ ނުހެދި ގޭގަ މަޑުކުރުން ކީއްތޯ؟