ކޮވިޑް19 އަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރި މެލޭޝިޔާއިން އައި ދިވެހި މީހާ އެ ބައްޔަށް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އޭނާ ކޮވިޑް19 އަށް ޓެސްޓު ކުރުމުން އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އެމީހާ ކަރަންޓީންކޮށްފައިވަނީ އިއްޔެ މެލޭޝީޔާއިން ރާއްޖެއައި ފަހުންނެވެ. އެޗްޕީއޭ އިން ބުނީ، އެމީހާއަކީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ދިވެހިރާއްޖެއަށް އައި ފަރާތެއް ކަމަށެވެ. އެމީހާ ކަރަންޓީންގައި ބެހެއްޓީ ފަރުކޮޅުފުށީގައެވެ.

ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން މިއަދު އިއުލާންކޮށްފައެވެ.

މިއީ ރާއްޖޭގައި ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ފުރަތަމަ ފަހަރެވެ. އެގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. މިއީ ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެ އިން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަމީން ވަނީ ސިފަ ކުރައްވައިފައެވެ.

އަމީން ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމުގެ ފުރުސަތު ގާނޫނުން ލިބިދޭ ކަމަށެވެ. އަދި މިވަގުތު މަސައްކަތްކުރަމުން އަންނަނީ މި ރޯގާ ކޮންޓްރޯލްކުރުމަކީ އެންމެ އިސް ވާޖިބު ކަމަށް ދެކިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހާލަތު ކަނޑައެޅުމާއި ގުޅިގެން ޑިރެކްޓަރު ޖެނެލަލް އޮފް ޕަބްލިކް ހެލްތަށް ހާއްސަ މަސްއޫލިއްޔަތާއި ހާއްސަ އިހްތިޔާރުތަކެއް އަދި ކަންތައްތަކެއް ކުރުމަށް ލާޒިމްކުރާ ކަމަށް އަމީން ވިދާޅުވިއެވެ.

އެގޮތުން ރަށްތައް ކަރަންޓީނު ކުރުމާއި މީހުން އައިސޮލޭޓުކުރުމާއި އަދި ސަރުކާރުން އާންމު ސިއްހަތާ މެދު އަޅަމުން އަންނަ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހާއްސަ އިންތިޔާރުތަކެއް ސިއްހީ ދާއިރާ އަށް ލިބިގެންވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސެއްސި

    ބޮޑު އެއް މިދުވަސްކޮޅު ދިވެހިބަސް ކިޔަވާދޭން ނޫޅެބަލަ.މިކަންތައް ހަމަޔަކަށް އެޅިގެން ފައްސި އަދި ނެއްސި އަަށް ކޮންފަރެންސެއްބާއްވައިގެން ތިކަން ކުރެވިދާނެ ދޯ..

    6
    1
  2. ގަމު މީހާ

    އިއްޔެ މެލޭޝިޔާ އިން އައީ...މިހާރު ނައްސި ވީ...އެކަމަކު ޢަލާމާތް ނުފެނި 5 ދުވަސްވެސް ވެދާނެކަމަށް މަޢުލޫމާތު ދެއްވަނީ...ދެން މި މުއްދަތުގެ ތެރޭގައި ފައްސި ވުމުގެ ފުރުސަތުވެސް އެބައޮތެއްނޫންތޯ....

  3. ޕުޑެންޑާ އައްޑޯ

    ހެލްތު ޕްރޮޓެކްޝަން އެޖެންސީ ، ކޮބާ މިޔައްކިޔާ ދިވެހިބަސް
    ނައްސި (ނެގެޓިވް) އަނޑު ހަހަހާ.........