ގއ. ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު މުހައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ،

އެކޮމިޝަނުން މިއަދު ނެރު ބަޔާނެއްގައި ބުނީ ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓު އަމަލު ކުރައްވާފައިވާ ގޮތުން އޭނާގެ ސުލޫކަށް އަސަރުކުރާ ފަދަ ކަމެއް އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނުގެ ގާނޫނުގެ 22ވަނަ މާއްދާގެ ދަށުން އެ ކޯޓުގެ އިސް މެޖިސްޓްރޭޓު މުހައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެހެންނަމަވެސް ބަލަމުން ދަނީ ކޮން ކަމަކާއި ގުޅޭ މައްސަލައެއް ކަމެއް އެ ކޮމިޝަނަކުން ހާމައެއް ނުކުރެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައިވެސް ޖޭއެސްސީން ވަނީ މުހައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބަލާ ވަނީ އޭނާ އަށް ނަސޭހަތްތެރިވެފައެވެ.

ޖޭއެސްސީގެ ގާނޫނަށް 19ވަނަ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ ގިނަ އިސްލާހުތަކާއި އެކުގައި އެ ކޮމިޝަނަށް ވަރަށް ގިނަ ބާރުތަކެއް ދީފައެވެ. އެގޮތުގެ މަތިން އެ ކޮމިޝަނުން އަންނަނީ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންނާއި ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންނެވެ.